ގިނަ ބަޔަކު އާ އަހަރަކަށް މަރުހަބާކީ ވަރަށް ގިނަ ކަންކަން ކުރުމަށާއި ވަރަށް ގިނަ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ ފޮނި އުންމީދުތަކާއެކުއެވެ. "ބަކެޓް ލިސްޓް" ހަދައި ދަތުރުކޮށްލައި ހިތް އުފާ ކޮށްލުމަށެވެ. އާ ކަންކަން ދަސްކޮށް، ދިރިއުޅުމުގެ ހަނދާންތަކުގެ އާ ސޮފުހާތަކެއް ލިޔެލުމުގެ އަޒުމުގައެވެ. ނަމަވެސް ކަންވީ މުޅީންހެން އިދިކޮޅަށެވެ. ކުރި އުންމީދުތަކާއި ކުރެހި ފޮނި ހުވަފެންތައް ދިޔައީ ފެނަށެވެ.
ލޮލަށް ނުފެންނަށް ކުޑަކުޑަ ވައިރަހެއް މުޅި ދުނިޔެ ސައިޒަށް ތިރިކުރީ އެވެ. ޗައިނާގެ ވޫހާން ސިޓީން އުފެދުނު ކޮވިޑް ބަލި، ރާއްޖެއަށް އަރައި މުޅި ގައުމަށް ކުރިމަތި ކޮށްލީ ބިރުވެރިކަމާއި ނިކަމެތި ކަމެވެ. ދިވެހީން އަމިއްލަ ފަސްގަނޑުގައި، އަމިއްލަ ވަޒަނުގައި ބީރައްޓެހި ކޮށްލީއެވެ. ގައުމު ކުޑަކަކޫ ޖަހައި، ދޮރާށިތައް ބަންދުކުރަން މަޖުބޫރުވީ އެއްވެސް ބާރެއްނެތިއެވެ.
މީގެ ކުރިން ދުނިޔެ ދެކިފައިވާ އެތައް ނުރައްކާތެރި ބަލިތަކެއް ރާއްޖެއަށްވެސް އައިސްފައި އެބަހުއްޓެވެ. އެތައް ބަޔަކަށް އެފަދަ ނުރައްކާތެރި ބަލިތައްޖެހި، މި ދުނިޔެ ދޫކޮށް ގޮސްފައިވެއެވެ. ނަމަވެސް ދިވެހީން "ކޮށްޓަކަށްލައި"، ގައުމުގައި "ތަޅު" އަޅުވަން ޖެހުނު ޒަމާނެއް ދިވެހީން ދެކިފައެއްނުވެއެވެ.
ވިހިވިހި ވެގެން މިދިޔައީ ތާރިހުގައި މީގެ ކުރިން ދުވަހަކުވެސް ދިވެހިން ތަޖުރިބާކޮށްފައި ނުވާ އަދި ދުވަހަކުވެސް އެފަދަ ކަމެއް ވެދާނެ ކަމަށް ހިޔާލަށްވެސް ނާންނަފަދަ ބިރުވެރި ކާރިސާއެއް ކުރިމަތި ކުރުވި އަހަރަކަށެވެ. ކޮވިޑާއެކު ގައުމުގެ މައި ދޮރޯށީގައި "ބަންދު" ބޯޑު އަޅުވައި އެ ދޮރޯށި ބަންދުކޮށްލީ، "ވީހާލެއްގައި" ވާށެވެ. އިތުރު ގޮތެއް ނެތިގެންނެވެ.
މިދިޔަ މާޗް މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާއެކު ގައުމުގެ އިގްތިސޯދުގެ މައި ނާރު ކަމަށްވާ ޓޫރިޒަމް އެއްކޮށް ހުއްޓުނެވެ. އާމްދަނީ ލިބޭނެ ދޮރު ބަންދުވިއެވެ. ގައުމުގެ އިގްތިސޯދު މުޅީންހެން "އިނދަ" ޖެހުނެވެ. ރައްޔިތުން ބަނޑަށް ޖެހުމުގެ ބިރުހީވެ ސަރުކާރުން "ސަލާން" ޖަހާ ހިސާބަށްދިޔައެވެ. މިއީ ދިވެހި ތާރީހުގައި ލިޔެވުނު ހިތްދަތި ސޮފްހާތަކެކެވެ.
ނަމަވެސް ރާއްޖޭގެ އިގްތިސޯދަށް "ކެތްވީ" ކުޑަ ދުވަސްކޮޅަކަށެވެ. ގައުމު ދަރަނިވެރިވެ، ބޯޑަރު އަލުން ހުޅުވާލަން މަޖުބޫރުވިއެވެ. ސިއްހީ މާހިރުންގެ ލަފަޔާއި ސަރުކާރުގެ އިސްވެރިންގެ އިރުޝާދުތަކާއެކު، ބޮޑު ގައިޑްލައިނެއް އެކުލަވާލައި އަލުން ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.
ބަންދުކުރަން ޖެހުނީ ހަމައެކަނި ބޯޑަރެއް ނޫނެވެ. ކޮވިޑް ބަލި ރާއްޖެއަށް ފެތުރިގަތީ ވަރަށްވެސް ހަލުވިކަމާއެކުއެވެ. މީހުން ބައި ބޯ މާލޭ ސަރަހަށްދަށް މި ބަލި ފެތުރިގެން ދިޔައީ ވަރަށްވެސް ބާރަށެވެ. އެހެންކަމުން ކޮވިޑް ފެތުރުން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް މަޖުބޫރުވިއެވެ. އެންމެ ފުރަތަމަ ވެސް އެޅި ފިޔަވަޅަކީ މީހުން ގޭގައި ބަންދު ކުރުމެވެ. އެއްވެސް ކުށެއްނެތި ޖަލު ހުކުމެއް ފަދައިން "ކާފިއު" އާއެކު ގޭގައި އެންމެން ބަންދުކުރީ، ކޮވިޑަށް އޮތް އެންމެ މޮޅު ފަރުވާއަކީ އެކަހެރިކަން ކަމަށް ވާތީއާވެސް އެކުގައެވެ. އެއާއެކު އާއިލާއާއެކު ބޭރަށް ނުކުމެ، ހިތް އުފާކޮށްލުމަށް ހުރަހަކަށް ކޮވިޑް ވެގެންދިޔައެވެ. ރަށްޓެހިންނާއެކު މަޖާކޮށް، ދަތުރުތައް ދިއުމާއި ކޮފީތަކަށް ދާން ކުރި ކުރިހާ ޕްލޭންތަކަށް ކޮވިޑްގެ ހިޔަނި އެޅިގެންދިޔައެވެ. މިއީ ދިވެހިން އަލަށް ތަޖުރިބާ ކުރަންޖެހުނު ކަންކަމެވެ. ދުވަހަކުވެސް ގޭގައި ބަންދުވެފައި ތިބެ، ބަނޑަށްޖެހިދާނެ ކަމުގެ ބިރު އެއްވެސް ދިވެއްސަކު ކޮށްފައެއް ނުވާނެ އެވެ. ނަމަވެސް މި އަހަރު އެ ދުވަސްވެސް ދިވެހީން ދެކެފިއެވެ.
ރާއްޖޭގެ ތާރީހުގައި ބައްޔެއްގެ ސަބަބުން އަމިއްލަ ރަށުގައި ދުވަހަކުވެސް ދިވެހީން ބަންދުވެފައެއް ނުވެއެވެ. އެއް ރަށުން އަނެއް ރަށަށް ދިއުމަށް މީގެ ކުރިން އެއްވެސް ހުރަހެއްނެތެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ޖެހިގެން އެންމެ ކައިރީގައި އޮތް ރަށަށްވެސް ނުދެވޭނެހެން ރަށްރަށުގައި މީހުން ބަންދުކޮށްލިއެވެ.
ހާއްސަކޮށް މާލެ ސަރަހައްދު ވަކި މުއްދަތެއްނެތް ގޮތަށް ބަންދުކޮށްލިއެވެ. ހާއްސަ ހުއްދައެއް ލިބިގެން ނޫނީ ދަތުރު ނުކުރެވޭ ގޮތަށް ހެދިއެވެ. އެހެންކަމުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރުވެސް ބައެއް ދިވެހީންނަށް ހީވިއެވެ. ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާއި ފޯރުކޮށްދިން އެހީތެރިކަމުގެ ސަބަބުން ކޮވިޑް ނެތް ރަށްރަށުގެ މެދުގައި ރަށްރަށަށް ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައެވެ
ނަމަވެސް މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް މާބޮޑު ލުޔެއް ނުލިބުނެވެ. ހުއްދަ ނަގައިގެން ނޫނީ އަދިވެސް ދަތުރެއް ނުކުރެވެއެވެ. މާލެ ސަރަހައްދުގެ ބަންދަށް އަށް މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ކޮވިޑް ވެކްސިނާ އެކު މެނުވީ ރަށު ބަންދުން މުޅީން ވީއްލޭނެ ކަމުގެ އުއްމީދެއް މާލޭގައި އުޅޭ މީހުންނަކަށް ނެތެވެ.
ދިވެހި ގައުމު ދުވަހަކުވެސް ތަޖުރިބާ ކޮށްފައިނުވާ އެތައް ކަމެއް ކޮވިޑްގެ ސަބަބުން ތަޖުރިބާ ކުރަން ޖެހިއްޖެއެވެ. ދުވަހަކުވެސް ސިކުނޑިއަށް ގެނެވިފައިނުވާ އެތައް ކަމެއް ދެކެފިއެވެ. ގައުމުގެ ތާރީހުގައި އަމިއްލަ ވަޒަނުގައި ދިވެހީން ބަންދުކުރި ދުވަހެއް ދެކިފައެއްނުވެއެވެ. އަމިއްލަ ގޭގައި ތަޅު އަޅުވައި، އަމިއްލަ ރަށާއި ގައުމުގައި ތަޅު އަޅުވައި ބަންދު ކުރަން ޖެހުނު ދުވަހެއް ދިވެހީން ދެކިފައެއް ނުވެއެވެ. މިއީ ތާރީހުގައި އަލަށް ދިވެހީން ތަޖުރިބާ ކުރި ބޮޑު ބަންދެކެވެ.