ޖަނަވަރީ 2015 ގައި ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާގެ ކުށް ސާބިތުވެ، އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އިބްތިހާލު މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް އުފުލާފައިވާ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް ކުރިން އިއުތިފާވެފައިވީ ނަމަވެސް ފަހުން ވަނީ އެ ދެކުށަށް އޭނާ އިންކާރުކޮށްފައެވެ.

އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އިބްތިހާލަށް އަނިޔާކުރި ކަމަށް އެކި ފަހަރުމަތިން ބޭއްވި ޝަރީއަތްތަކުގައި އާފިޔާ އެއްބަސްވެފައިވާ ކަމަށާއި އޭނާ އެކަން ކޮށްފައިވަނީ ބައްޕަ ނެތް ކުއްޖެއް ކަމަށްބުނާތީ، އެކަމާ ރުޅި އައިސްގެން ކަމަށެވެ. ނަމަވެސް ފަހުން ބޭއްވި ޝަރީއަތެއްގައި އާފިޔާ އެކަމަށް އިންކާރުކޮށްފައިވާކަންވެސް ގާޒީ ފާހަގަކުރެއްވިއެވެ.

ގާޒީ ވިދާޅުވީ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުވާއަށް އިންކާރު ނުކުރާ ކަމަށް އާފިޔާ ބުނި ކަމަށާއި ނަމަވެސް އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށްވެސް ބުނެފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ އިބްތިހާލަށް އެކި ފަހަރު މަތިން އާފިޔާ އަނިޔާކުރި ކަން އެނގޭއިރު ރަށުގެ މީހުން އެކަން ރިޕޯޓް ނުކޮށް، ސިއްރުކުރި ކަން އެ މީހުންގެ ބަޔާންތަކުން އެނގޭ ކަމަށެވެ. އެކަން ދައުލަތުގެ އިދާރާތަކަށް އެނގުމުން އެއީ އިބްތިހާލް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ހާލަތެއް ކަމަށާއި އެކަން ނުކޮށް ތިއްބައި އޭނާ މަރުވީ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ޝަރީއަތަށް ހުށަހެޅުނު ހެއްކާއި ގަރީނާއިން އާފިޔާ، އިބްތިހާލަށް އިހާނެތިކޮށް ހިތައި، ކަރާމަތަށް ގެއްލުންދީ އަނިޔާކޮށްފައިވާކަން އެނގޭ ކަމަށާއި އަދި އެހެން ދަރީންނާއި އިބްތިހާލާ ތަފާތުކޮށްފައިވާ ކަމަށެވެ. އަދި އިބްތިހާލު އަސާސީ ހައްގުތަކުން މަހުރޫމްކޮށް، ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން އެނގެން އޮތް ކަމަށެވެ.

އެހެންކަމުން އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ޝައްކެއް ނެތް މިންވަރަށް އާފިޔާގެ މައްޗަށް ސާބިތުވާ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވައިފައެވެ.

އަދަބާ ބެހޭގޮތުން ވާހަކަދައްކަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހަައްމަދު ވިދާޅުވީ މިހާރުގެ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށް ފެތިގެން ދަނީ އަނިޔާއެއް ދިނުމުގެ ދައުވާގެ ކުށަށް ކަމަށެވެ. މި ކުށުގެ އަދަބީ ދެ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. ނަމަވެސް އެކުއެކީގައި ހުށަހެޅޭ މައްސަލަތަކުގައި ހުކުމް ކުރުމުގައި އެންމެ ބޮޑު ކުށަށް އެންމެ ބޮޑު އަދަބު ކަނޑައެޅުމަށްފަހު ބާކީ ހުރި ކުށްތަކަށް އަދަބު ދިނުމުގައި ކަނޑައަޅަންޖެހޭނީ އަދަބުގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އެހެންކަމުން ދައުލަތުގެ ފަރާތުން އެދުނީ އާފިޔާގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ދައުލަތުގެ ވާހަކަތަކަށްފަހު، ގާޒީ ވަނީ އަދަބާ ބެހޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު އާފިޔާއަށް ދީފައެވެ. ނަމަވެސް އާފިޔާ ވަނީ އެއްވެސް ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ބުނެފައެވެ.

ގާޒީ ވަނީ ދައުލަތުން ބުނި ގޮތަށް، އެކުއެކީގައި ހުށަހެޅޭ މައްސަލަތަކުގައި ހުކުމް ކުރުމުގައި އެންމެ ބޮޑު ކުށަށް އެންމެ ބޮޑު އަދަބު ކަނޑައެޅުމަށްފަހު ބާކީ ހުރި ކުށްތަކަށް އަދަބު ދިނުމުގައި ކަނޑައަޅަންޖެހޭނީ އަދަބުގެ ދެބައިކުޅަ އެއްބައިކަމުން އެކަމަށް ރިއާޔަށްކޮށް، އާފިޔާ އެއް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ގާޒީ ވަނީ ހުކުމްކޮށްފައެވެ.