ޖަނަވަރީ 2015 ގައި ވ. ރަކީދޫގައި އުމުރުން ތިން އަހަރު މުހައްމަދު އިބްތިހާލް މަރާލިކަން އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، އޭނާ 20 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިބްތިހާލު މަރާލި މައްސަލައިގައި އާފިޔާގެ މައްޗަށް އުފުލާފައިވާ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް ކުރިން އިއުތިފާވެފައިވީ ނަމަވެސް ފަހުން ވަނީ އެ ދެކުށަށް އޭނާ އިންކާރުކޮށްފައެވެ.
އެ މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ވިދާޅުވީ އިބްތިހާލް މަރައިލި ކަމަށް ކުރިން އެއްބަސްވީ ޖަލުގައި ތިބި ބަޔަކު ބިރު ދެއްކުމުން ކަމަށް އާފިޔާ ފަހުން ބުނި ނަމަވެސް ވަކީލެއްގެ ހާޒިރުގައި ތަހުގީގުގައި އާފިޔާ އެކަމަށް އެއްބަސްވިއިރު، އެފަދަ ވާހަކައެއް ދައްކާފައި ނުވާ ކަމަށެވެ. އަދި އިބްތިހާލު މަރުވެފައިވަނީ އެ ދުވަހު އާފިޔާ ދިންކަމަށް އިއުތިރާފުވެފައިވާ އަނިޔާތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންގެ ރިޕޯޓުތަކަށް އެނގެން އޮންނަ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ އާފިޔާއަށް ޅަ އުމުރުން ފެށިގެން އޭނާގެ މަންމަ އާއި ދޮންބައްޕަގެ ކިބައިން ޖިންސީ ގޯނާ ކުރުމާއި ގަދަކަމުން ބަދު އަހުލާގީ އަމަލުތައް ހިންގާފައިވާ މައްސަލައަށް ކަމާބެހޭ އިދާރާތަކުން އިންސާފު ލިބިފައި ނުވާކަމީ އޭނާގެ ދަރިފުޅަށް އިންސާފު ލިބެންނުޖެހޭ ސަބަބެއް ނޫން ކަމަށެވެ.
ގާޒީ ވިދާޅުވީ އިބްތިހާލަށް އެކި ފަހަރު މަތިން އާފިޔާ އަނިޔާކުރި ކަން އެނގޭއިރު ރަށުގެ މީހުން އެކަން ރިޕޯޓް ނުކޮށް، ސިއްރުކުރި ކަން އެމީހުންގެ ބަޔާންތަކުން އެނގޭ ކަމަށެވެ. އެކަން ދައުލަތުގެ އިދާރާތަކަށް އެނގުމުން އެއި އިބްތިހާލް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ހާލަތެއް ކަމަށާއި އެކަން ނުކޮށް ތިއްބައި އޭނާ މަރުވީ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އިބްތިހާލަށް އަނިޔާކުރީ އައި ރުޅިވެރިކަމެއްގެ ސަބަބުން މެރުމުގެ ގަސްދު އޮވެގެން ކަމަށާއި އެ ހާދިސާ ހިނގި ދުވަހު އިބްތިހާލަށް އަނިޔާކޮށް، ކަރުގައި ހިފައި ނޭވާ ހާސްކޮށްފައިވަނީ އިބްތިހާލް މަރާލަން ކަމަށް އާފިޔާ އެކި މަރުހަލާތަކުގައި އެއްބަސްވެފައިވާ ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.
އިއުތިރާފުގެ އިތުރުން، އިބްތިހާލް މަރުވެފައިވަނީ އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ބާރު ލިބޭ ހެކިތަކާއި ޑޮކްޓަރުންގެ ރިޕޯޓުތައް ފަދަ ގާރީނާތަކުގެ މައްޗަށް ބަލައި، ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އާފިޔާގެ މައްޗަށް ސާބިތުވާ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވައިފައެވެ.
ގާޒީ ވިދާޅުވި އާފިޔާގެ އިއުތިރާފުގެ އިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ބަހުންނާއި ޑޮކްޓަރުންގެ ރިޕޯޓުތައް ފަދަ ގާރީނާތަކުގެ މައްޗަށް ބަލައި އާފިޔާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް އެ ކުށް ސާބިތުވާ ކަމަށެވެ.
ނަމަވެސް ގާޒީ ސަމީރު ވިދާޅުވީ އިސްލާމީ ޝަރީއަތުގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ބަލާއިރު އެ މައްސަލައިގައި އާފިޔާގެ ކިބައިން މަރަށް މަރު ނުހިފޭނެ ކަމަށެވެ. ސަބަބަކީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް ނުވަތަ މަރުގެ އަދަބު ނުދެވޭނެ ކަމަށް ޖުމްހޫރީ އިލްމުވެރިން ވިދާޅުވާތީ ކަމަށެވެ. އަދި އެގޮތަށް ސުންނަތް ޖަމާއަތުގެ މަޒްހަބުތަކުގައި އަމަލުކުރާ ކަމަށެވެ. އެއީ ދަރިިން ދުނިޔެއަށް އަންނަނީ މައިންބަފައިންގެ ފުށުން ކަމަށްވާތީ ކަމަށް ގާޒީ ވިދާޅުވިއެވެ.
އެކަމަކު ތައުޒީރީ އަދަބެއްގެ ގޮތުން މައިންބަފައިންގެ މައްޗަށް ވެސް އަދަބު ދެވިދާނެ ކަމަށާއި އެކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ހުރަހެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ.
އަދަބު ކަނޑައެޅުމުގެ ކުރިން އަދަބާ ބެހޭގޮތުން ވާހަކަދައްކަން ދިން ފުރުސަތުގައި ދައުލަތުގެ ވަކީލާ އައިޝަތު މުހަައްމަދު އެދިވަޑައިިގަތީ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށުގެ އަދަބުގެ ހަތަރު ދަރަޖަ މަތިކޮށް، އާފިޔާއަށް 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައި ދިނުމަށެވެ.
އެއީ ކުޑަކުއްޖަކަށް އަނިޔާ ލިބުމާއި، ކުށުގެ ސަބަބުން ލިބުނު ގެއްލުން ބޮޑުވުމާއި، ފަރުވާލެއް ނެތި އަދި އަނިޔާވެރިކަން ދެއްކުމާއި، އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި އެ އަމަލު ހިންގާފައިވާތީ ކަމަށް ދައުލަތުން ބުންޏެވެ.
އާފިޔާއަށް ދައުލަތުން ހަމަޖައްސައިދިން ދިފާއީ ވަކީލް ހުސްނީ މުބާރަކް ވިދާޅުވީ ހުކުމާ ހަމައަށް ވާސިލުވެވިފައިވަނީ އާފިޔާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކަމަށްވާތީ އަދަބުގެ ދަރަޖަ ދަށްކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ނަމަވެސް ދައުލަތުން އެކަަމަށް ދެކޮޅު ހެދި އެވެ. ދައުލަތުން ބުނީ އާފިޔާ އިއުތިރާފުވުމަށް ފަހު، ފަހުން އެކަމަށް އިންކާރުކޮށް، އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކާފައިވާތީ އަދަބު ލުއި ކުރަން ނުޖެހޭނެ ކަމަށެވެ.
ދެފަރާތުން ދެއްކި ވާހަކަތަކަށް ރިއާއަތް ކުރައްވައި، ގާޒީ ސަމީރު ވިދާޅުވީ އިއުތިރާފުން އާފިޔާ ރުޖޫއަވެފައިވާތީ، އަދަބުގެ ދަރަޖަ ދަށް ކުރެވޭނެ ހަމައެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. އެހެންވެ، 20 އަހަރަށް އޭނާ ޖަލަށްލުމަށް ހުކުމް ކުރުމާއެކު، ވިދިވިދިގެން ދެ މަހުގެ ރޯދަ ހިފަން އާފިޔާއަށް އަންގާ ކަމަށް ގާޒީގެ ހުކުމުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު