އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ތަހުގީގީ އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހަކަށް ރިޝްވަތުގެ ދެ ދައުވާއާއި މަނީލޯންޑަރިންގެ ދެ ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލައިގައި ދައުވާކުރީ 12 އޮކްޓޫބަރު 2011 އިން 14 އޭޕްރީލް 2016ގެ ނިޔަލަށް އޭސީސީގައި ތަހުގީގީ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި ޏ. ފުވައްމުލައް، ހޯދަޑު، މައުނާ، އަބްދުﷲ އާޒިމްއަށެވެ.
ޕީޖީން ބުނީ، އާޒިމްގެ މައްޗަށް ދައުވާ އުފުލީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ކުށާ ގުޅިފައިވާ ފައިސާގެ ތެރެއިން 100،000 އެމެރިކާ ޑޮލަރު 2014 ވަނަ އަހަރު އޭނާއަށް ލިބުނު މައްސަލަ ފުލުހުންނާއި، އެސެޓް ރިކަވަރަކީ ކޮމިޝަނުން ތަހުގީގުކުރުމަށްފަހުގައި ކަމަށެވެ. އެ ތަހުގީގަށް ފަހު މަނީލޯންޑަރިންގެ ދެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާ ކުރުމަށް ޑިސެމްބަރު ހަވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީން ބުންޏެވެ.
އާޒިމްގެ މައްޗަށް ރިޝްވަތު ހިފުމާއި މަނީ ލޯކްޑަރިންގެ ފުރަތަމަ ދައުވާ ކޮށްފައިވަނީ އޭނާ އިސްކޮށް ހުރެ އޭސީސީން ތަހުގީގުކުރަމުން އައި އެމްޕީއެލްއާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހ. އާހަމަ، އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް ހ. ސާމަރާ، އަހުމަދު އަދީބު އަބްދުލްގަފޫރާއި ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުވުމަށްޓަކައި ޒިޔަތާއި އަދީބު މެދުވެރިކޮށް އެސްއޯއެފް ކުންފުނީގެ ޗެކަކުން ދިން 50،000 އެމެރިކާ ޑޮލަރު އާޒިމްގެ ބޭންކް އެކައުންޓަށް 2 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީއެވެ.
ރިޝްވަތު ހިފުމާއި މަނީ ލޯކްޑަރިންގެ ދެވަނަ ދައުވާ އާޒިމްގެ މައްޗަށް ކޮށްފައިވަނީ، އޭނާ އިސްކޮށް ހުރެ އޭސީސީން ތަހުގީގުކުރަމުންދިޔަ އެމްޕީއެލްއާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔަތާއި އަދީބާއި ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުމަށްޓަކަރި ޒިޔަތާއި އަދީބު މެދުވެރިކޮށް އެސްއޯއެފް ކުންފުނީގެ ޗެކަކުން ދިން 50،000 އެމެރިކާ ޑޮލަރު، އޭނާގެ ކޮއްކޮއެއްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަށް 15 ޖޫން 2015 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާތީ އެ ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދިއެވެ.
އާޒިމްއަކީ މިހާރު ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑުގެ ބޯޑު ޑިރެކްޓަރެކެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު