ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްއާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ސޮއިކޮށްފިއެވެ.
ޖަޕާން ސަރުކާރާއެކު ސޮއިކުރާ އެއްބަސްވުންތަކުގައި ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ދެ ސަރުކާރު ދެމެދު އެކްސްޗޭންޖް އޮފް ނޯޓްސްއެއްގައި އަބަދުވެސް ސޮއިކުރެ އެވެ.
އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ބައެއް ގައުމުތަކާއެކު ވަނީ ސޮއިކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޖަޕާން ވެސް ހިމެނެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދަރަނި ދެއްކުން ފަސްކުރުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިއަދު ސޮއިކުރި އެކްސްޗޭންޖް އޮފް ނޯޓްސް އަށްފަހު ރާއްޖެ އާއި ޖަޕާނާ ދެމެދު ދަރަނި ދެއްކުން ފަސްކުރުމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި އަންނަ އަހަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީ އާއި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ސަބަބުން، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށް ވެ، ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު