ހައިކޯޓު

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރަކަށް އެދި ހައިކޯޓަށް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރަކަށް އެދި، ދުސްތޫރީ މައްސަލައެއް ހައިކޯޓަށް ހުށަހަޅައިފި އެވެ.

ހައިކޯޓުގެ މީޑިއާ އޮފިޝަލް ފައިސަލް އަމީން "ވަން" އަށް މިއަދު ވިދާޅުވީ، އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ އެ މައްސަލައިގައި އެދިފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭނީ މާޗް 6، 2020ގައި އިލެކްޝަން ކޮމިޝަނުން އިއުލާންކޮށްފައިވާ ކެންޑިޑޭޓުންނަށް އެކަނި ކަމަށް ކަނޑައަޅައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނުގައި ހިމަނާފައި ބަޔަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެބައި އުވާލަދިނުމަށް ކަމަށެވެ. އަދި އޭގެ ތެރެއިން އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލުމުގެ އަމުރެއް ނެރެދިނުމަށް އެދިފައިވާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލަ ހައިކޯޓަށް ބަލައިގަނެ މިހާރު ވަނީ ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު ފަސްކުރިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، މެއި 10، 2020 ގައި ތަސްދީގުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނަކީ ކޮވިޑާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާންކޮށްފައިވާތީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ރައްކާތެރި މާހައުލެއް ގާއިމްކުރެވެންދެން ފަސްކުރުމަށާއި އެ އިންތިހާބާގުޅޭ އެނޫންވެސް ހާއްސަ އުސޫލުތަކެއް އެކަށައެޅުމުގެ ގާނޫނެވެ.

އެގޮތުން އެ ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވައި ނިންމަންވާނެ ކަމަށް ބުނެފައިވެ އެވެ. އަދި އިންތިހާބު ފަސްކުރިޔަސް، އެ އިންތިހާބުގައި ވާދަކުރާނީ އެ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަމަށް މާޗް 6، 2020 ގައި އިލެކްޝަން ކޮމިޝަނުން ކަނޑައަޅައި އާންމުކޮށްފައިވާ ކެންޑިޑޭޓުން ކަމަށް ވެސް ގާނޫނުގައި ބުނެ އެވެ.

ކައުންސިލް އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން އަންނަ އިރު، އެކަމަށް އަދިވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ދީފައެއްނުވެއެވެ. އެހެންކަމުން އިންތިހާބް ލަސްކުރަން ޖެހިދާނެ ކަމަށް އިލެކްޝަނުން އަންނަނީ ބުނަމުންނެވެ.