ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ގައުމުގެ އިގްތިސޯދު ހިފެހެއްޓީ މިފްކޯއިން ކަމަށް އެކުންފުނީގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، މިފްކޯގެ ތާރީހުގައިވެސް މަސްވެރިންނަށް އެންމެ ގިނައިން ފައިސާ ދެވުނީ މިދިޔަ އަހަރު ކަމަށެވެ. އެގޮތުން މިދިޔަ އަހަރު 903 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާނެ ކަމަށް ވިދާޅުވި އެވެ.

ފައުޒީ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމާއެކުވެސް މިއަހަރު މިފްކޯއިން މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށާއި އެގޮތުން މިއަހަރު 845 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

"މިފްކޯ ހަރަކާތްތަކާއި ގުޅިގެން އިކޮނޮމީ ތެރޭގައި މި ދައުރުވާ އިންކަމަށް ބަލާނަމަވެސް ވަކި ކުޑައެއް ނުވާނެ. އެހެންކަމުން މި ޕެންޑަމިކް ތެރޭގައި މަސްވެރިންނާއި އެކުގައި ކުރިއަށް މިގެންދިޔަ އޮޕަރޭޝަންގައި މި އިކޮނޮމީ ގާތްގަނޑަކަށް މި ހިފެހެއްޓީ މިފްކޯއިންނޭވެސް ދެންނެވިދާނެ." ފައުޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ފައުޒީ ވިދާޅުވީ، މިފްކޯގެ ވަސީލަތްތައް ތަރައްގީވެ ނިމުމުން މަސްވެރިންނަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ސައުދީ ފަންޑާއި އިންޑިއާގެ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތައް ނިމުމުން މިފްކޯގެ ކަލެކްޝަން ކެޕޭސިޓީ 800 ޓަނަށް އިތުރު ކުރެވި ސްޓޯރިން ކެޕޭސިޓީ 11،500 ޓަނަށް ބަދަލު ކުރެވިގެންދާނެ ކަމަށް ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، މިފްކޯ ތަރައްގީކުރުމުގެ މަޝްރޫއުތައް އަންނަ އަހަރު ފެށޭނެ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިނޭންސް މިހާރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމާއެކު ރާއްޖޭގެ އިގްތިސޯދު ވަރަށް ބޮޑަށް ހީނަރުވިއެވެ. ހާއްސަކޮށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވި އެވެ. މަސްވެރިކަން ފާހަގަކުރެވުނީ ކޮވިޑްގެ އަސަރު އެންމެ ކުޑަކޮށް ކުރި ސިނާއަތަށެވެ. ނަމަވެސް ބޭރުގެ މާކެޓްތައް ބަންދުކޮށްފައި އޮތުމުން މަސް އެކްސްޕޯޓް ކުރުމުގައި ދަތިތަކެއް ކުރިމަތިވެ، މަސްވެރިންނަށް ވެސް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.