ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއެކު އެ މުއައްސަސާއަށް އޮތީ އުންމީދީ ކުރިމަގެއް ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ތަސްދީގު ކުރައްވައިފައެވެ.
އެ ބިލް ތަސްދީގު ކުރެއްވުމާ ގުޅިގެން ރައީސް ސޯލިހަށް މަރުހަބާ ދަންނަވައި، ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ އިސްލާހުތަކަކީ ފުލުހުންގެ މުއައްސަސާގެ އެތައް ބަޔަކާއި ދިވެހި ރައްޔިތުންގެ އެތައް ބަޔަކު އެދި ތިބި އިސްލާހުތަކެއް ކަމަށެވެ.
"ދިވެހި ފުލުހުންގެ މި ބިލުގެ އިސްލާހުތަކަކީ ފުލުހުންގެ އެތައް ބަޔަކާއި އެ މުއައްސަސާ އާއި އަދި އެތައް ދިވެހި ރައްޔިތުންނެއް ނުހަނު އެދި ތިބި އިސްލާހުތަކެއް. މިކަމުން ދިވެހި ފުލުހުންނަށް އޮތީ އުންމީދީ ކުރިމަގެއް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ އިތުރުން ފުލުހުންގެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ ގާނޫނު ތަސްދީގުކުރެވި، ތިން މަސް އެ ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށް، އަމާންކަން ގާއިމުކުރުމަށް ފުލުހުންގެ ހިދުމަތަށް ގެންނަންވާ ބަދަލު އަންނާނެ ކަމަށެވެ.
"މިއީ ދިވެހި ފުލުހުންގެ ހިދުމަތް ތަރައްގީ ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކުރެވުނު މުހިންމު މަސައްކަތެއް. ދިވެހި ރާއްޖެ ފުރިހަމަ ޑެމޮކްރެޓިކް މުޖުތަމައަކަށް ހެދުމަށްޓަކައި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް އިތުރަށް ތަރައްގީކުރުމަކީ ކޮންމެހެން މުހިންމުކަމެއް،" އިމްރާން ވިދާޅުވިއެވެ.
ރައީސް މިއަދު ތަސްދީގުކުރެއްވި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އެ ހިދުމަތާ ގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެއެވެ.
މި ބިލުގެ މަގްސަދުތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އެންމެހައި ކަންކަމަކީ ގާނޫނުއަސާސީއާ ގާނޫނުގައި ބަޔާންކޮށްފައިވާ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތަކާއި ކަރާމަތަށް އިހުތިރާމު ކުރުމާއެކު ގާނޫނުގެ ހުކޫމަތުގެ ތެރެއިން ދެވޭ ހިދުމަތެއްކަން ކަށަވަރުކުރުމާއި ވަކިފަރާތަކަށް ޖެހުމެއްނެތި އަދި ވަކި ނުފޫޒަކަށް ލެނބުމެއްނެތި ހަމަހަމަކަމާއެކު ގާނޫނު ނަގަހައްޓައި އަދި ތަންފީޒުކުރުމާއި އަމަންއާންމާއި ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ފުލުހުން ކުރަން ޖެހޭ ކަންކަން ކުރުމުގެ ގާނޫނީ ބާރާއި އިހުތިޔާރު ފުލުހުންނަށް ފޯރުކޮށްދިނުން ހިމެނެއެވެ.
ރައްޔިތުންނާ ގުޅިގެން ހިދުމަތްދިނުން އިސްކޮށް، ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުމުގެ ވައްޓަފާޅި ފުލުހުންގެ ހިދުމަތުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި އަށަގެންނެވުމާއި ފުލުހުންގެ ހިދުމަތުގެ އަމާޒާއި މަގުސަދާއި މަސްއޫލިއްޔަތާއި ހިދުމަތާއި ބާރާއި އިހުތިޔާރުތައް ގާނޫނުއަސާސީ އާއި އިންސާނީ ހައްގުގެ ހަމަތަކުގެ ތެރެއިން އެކަށައަޅައި ބަޔާންކުރުމާއި ދިވެހި ފުލުހުންގެ ހިދުމަތަކީ ލާމަރުކަޒީ އުސޫލުން ފޯރުކޮށްދޭ ހިދުމަތަކަށް ހެދުން މި ބިލުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ފުލުހުންގެ ގާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" މި ގާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ހިދުމަތް" އަށް ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ހިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް"އެވެ.
ފުލުހުންގެ ހިދުމަތުގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސާވިސްގައި ނުހިމެނޭ މަދަނީ އަދި ސަލާމަތީ ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި މުޅި ރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ހިދުމަތެއްގެ ގޮތުގައި ހިމެނުމާއި އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ އަދި ވަޒީފާއާބެހޭ ގާނޫނުން އިސްތިސްނާ ލިބިގެންވާ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު