އަންނަ މާޗު މަހުގައި ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް ކުއްލި ނުރައްކަލުގެ ހާލަތު އުވައިނުލެވޭ ނަމަ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އިސްމާއިލް ހަބީބު ގޮވާލައްވައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ނިންމާފައި ވަނީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތު ގޯސްވެ އިންތިހާބު ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. އޭގެ ފަހުން އީސީން ވަނީ އަންނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އިންތިހާބު ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ. ނަމަވެސް ކުއްލި ހާލަތު އުވައިނުލައިފިނަ ގާނޫނު ބުނާގޮތުން އިންތިހާބު ނުބޭއްވޭނެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ފާސްކޮށްފައިވާ ގާނޫނުގެ ހަތް ވަނަ މާއްދާގައި ބުނާ ގޮތުން، އިންތިހާބު ބާއްވަންޖެހޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ބުނާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ އިންތިހާބު ބޭއްވުމަކީ ސިއްހީ ކުއްލި ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން ކަނޑައެޅުމުންނެވެ.
ކޮވިޑުގެ އާ ބާވަތްތައް ދުނިޔޭގެ އެކި ހިސާބުތަކުން މިހާރު ފެންނަން ފަށާފައިވާއިރު، އެ ބަލީގެ ވެކްސިން ނުލިބި، ކުއްލި ހާލަތު އުވާލައިފިނަމަ، އެ ބަލި ކޮންޓްރޯލްކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭއަށް ގާނޫނީ ހުރަސްތަކެއް ކުރިމަތިވާނެކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައި އެވެ.
މިއަށް ރައްދު ދެއްވަމުން އިސްމާއިލް ހަބީބު ވިދާޅުވީ އިންތިހާބު ފަސްކުރަން މަޖިލީހުން ގެނައި ސަންސެޓު ގާނޫނު އިސްލާހު ކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އެހެންވީމާ، ގާނޫނުއަސާސީ ގެ 170 ވަނަ މާއްދާގައި ބަޔާންކުރާ އިންތިހާބު ބޭއްވުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ލިބިދެއްވުމަށްޓަކައި، ގާނޫނު ނަންބަރު 2020/3 ގެ ހަތް ވަނަ މާއްދާ އަވަހަށް އިސްލާހުކޮށްދެއްވުން އެދެން،" ހަބީބު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގައި ބުނެފައިވަނީ އެ ގާނޫނަށް އަމަލު ކުރަން ފަށާތާ އެއް އަހަރު ދުވަސް ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. އެހެންކަމަށް ވާނަމަ އަންނަ އަހަރުގެ މެއި މަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ އެވެ.
މާޗް މަހުގައި އިންތިހާބު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނައިރު ހަމަހަމަކަމާއެކު ކެމްޕެއިން ކުރުމުގެ ފުރުސަތު ނުދޭ ކަމަށް ބުނެ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު