ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ސަރުކާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީކޮށްފައިވާ ރަންވޭ މަތީގައި ފްލައިޓް ޕާކުކުރަން ފަށައިފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު ރަސްމީކޮށް ހުޅުވި އެ ރަންވޭއަކީ ޗައިނާގެ އެގްޒިމް ބޭންކުން 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިން ހަދާފައިވާ ރަންވޭއެކެވެ. އެއީ 3,400 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެ ރަންވޭގައި އެންމެ ބޮޑެތި ބޯޓު ފަހަރަށް ޖެއްސޭނެ އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތީ އާ ރަންވޭގައި ފްލައިޓްތައް ޕާކު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު ވެސް އާ ރަންވޭގައި އަށް ވަރަކަށް ޖެޓް ޕާކު ކޮށްފައި އެބަ އޮތް ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

އާ ރަންވޭގައި ފްލައިޓްތައް ޕާކް ކުރަން ނިންމާފައިވާއިރު އީސްޓް އޭޕްރަންގެ އެއްބައި މަރާމާތުކުރާތީ ޑޮމެސްޓިކް އޮޕަރޭޝަންތައް ވަގުތީ ގޮތުން ވަނީ ނޯޓު އޭޕްރަން އަށް ބަދަލުކޮށްފަ އެވެ.