ކޮވިޑް 19ގެ މި ހާލަތުން އަރައިގަތުމަށްޓަކައި ސުނާމީ ކާރިސާއިން އަރައިގަތުމަށް ކުރި މަސައްކަތަށް ވުރެ ގިނަ މަސައްކަތްކުރަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު ތަހައްމަލުކުރަމުން މިދާ ކޮވިޑުގެ ހާލަތަކީ ސުނާމީގެ ކާރިސާއަށް ވުރެ ވަކީން ކުޑަ ހާލަތެއް ނޫން ކަމަށެވެ.
"މި ހާލަތުން އަރައިގަތުމަށް، ކުރިމަގު އުޖާލާކުރުމަށް ސުނާމީ ކާރިސާއިން އަރައިގަތުމަށް ކުރި މަސައްކަތަށް ވުރެ ގިނަ މަސައްކަތްކުރަން ޖެހޭ ކަމަށް ދެންނެވުމަކީ ކުށަކަށް ނުވާނެ. ކޮވިޑުގެ މި ދަތި ހާލަތުގައި ގައުމުގެ އިގުތިސާދަށް މިއިން ދުވަހަކު ދިމާނުވާ ވަރުގެ ބޮޑެތި ދަތިތައް މިވަނީ ދިމާވެފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ މި ހާލަތުގައި ވެސް ރައްޔިތުންނަށް ދިމާވާ ދަތިތައް ފިއްލުވައި، ރައްޔިތުން ހާލުގައި ޖެހުނަ ނުދެއްވައި، ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާ އާއި އެހެނިހެން ހިދުމަތްތައް ހޯއްދަވައިދެއްވުމަށްޓަކައި މުޅި ސަރުކާރު އެކަތިގަނޑަކަށް ހައްދަވައި، އެންމެން ގޮވައިގެން ހުކުމަތްތެރިކަމާއި ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ ޝުކުރުވެރިކަން ހައްގު މަސައްކަތްޕުޅުތަކެއް ކަމަށެވެ.
މިރޭގެ ޖަލްސާގައި މިނިސްޓަރު އިމްރާން ވަނީ ކޮވިޑް 19 އިން އަރައިގަތުމަށް ސިއްހީ ހިދުމަތްތެރީން އަދި ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކުރައްވާ މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ޝުކުރު ދަންނަވައިފައެވެ.
"އެ ކާރިސާއިން އަރައިގަތުމަށްޓަކައި ސިއްހީ މައިދާނުގައި މަސައްކަތްކުރާ ސިއްހީ މޭސްތިރިންނަކީ ވަރަށް ވެސް މުހިންމު ބައެއް. އަދި އަޅުގަނޑު ހިތުން މިރޭ އެ ނަމެއް ޒިކުރުކޮށްލުމަކީ ފަހަރުގައި ވެސް އެހެން ބޭފުޅުންނަށް ބޭއިންސާފަކަށް ނުވާނެ. އަޅުގަނޑުމެންނަށް ހުރިހާ ވަގުތެއްގައި އެ ނަން އަޑިއިވިގެންދާ ބޭފުޅެއް ކަމުގައިވާ މައިމޫނާ. ނިދިނުކުރައްވައި، ކަންބޮޑުކަމާއި ހާސްކަމާއެކުގައި 24 ގަޑިއިރު ރައްޔިތުންގެ ހިދުމަތުގައި އެ އުފުއްލެވި ބުރައަށްޓަކައި މިފަދަ ދުވަހެއްގައި އެކަމަނާއަށް ވަރަށް ހާއްސަ ޝުކުރެއް އަޅުގަނޑު އަރިސްކުރަން." މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު