ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް ލިބުނު ގެއްލުންތަކުން އަރައިގަނެވެމުން އަންނަ ކަމަށާއި އުފާވެރި ދުވަސްތަކަކަށް އަލިވިލޭކަމުގެ އުންމީދުތައް އަންނަނީ އާވަމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ކޮވިޑް ވަނީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވާފައި ކަމަށާއި މި ކާރިސާގައި އިގުތިސޯދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވި އެއް ގައުމަކީ ރާއްޖެ ކަމަށެވެ. އަދި އިގުތިސޯދުގެ ބޮޑު ބައެއް ފަތުރުވެރިކަމަށް ބަރޯސާވެފައި އޮއްވައި، ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން މިއަދު ރާއްޖެ ދުވަހަކުވެސް ނުދެކޭވަރުގެ އިގުތިސޯދީ ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

"އެހެންނަމަވެސް، މާތް ﷲގެ ވާގިފުޅާއެކު، އުފާވެރި ދުވަސްތަކަކަށް އަލިވިލޭކަމުގެ އުންމީދުތައް އަންނަނީ އާވަމުން. ކޮވިޑަށް ވެކްސިންތައް އުފައްދައި ބޭނުންކުރަން ފަށާފައިވާ އިރު، ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް މިއަންނަނީ މަސައްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ އެކަން ހަމަޖެހިގެންދާނެ. އެކަމުގެ ތަފްސީލުތައް ކަމާ ބެހޭ ފަރާތްތަކުން ހާމަކުރަމުން ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން، ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމާއެކު، ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް އަތުވެއްޖެ ކަމަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިން ޒިޔާރަތްކުރަން އެންމެ ބޭނުންވާ މަންޒިލަކަށް މިއަދު ރާއްޖެވެފައިވާ ކަމަށެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފެށުނީ ރައްޔިތުންގެ ވަރަށް މަތިވެރި ގުރުބާނީތަކެއްގެ ސަބަބުން ކަމަށާއި އެހެންކަމުން ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމުގައި ދިވެހި ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑް ކޮންޓްރޯލްކުރުމަށް އެންމެ ކުރީ ސަފުގައި ސިއްހީ ހިދުމަތްތެރިން ކުރައްވާ ބުރަ މަސައްކަތް ހަނދާން ނުނެތޭ ކަމަށެވެ. އެބޭފުޅުންގެ މަސައްކަތުގެ އަގުވަޒަންކޮށް ޝުކުރު ދަންނަވާ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނަ އިރު، ގައުމު ކުރިން އޮތް ހާލަތަށްވުރެވެސް ރަނގަޅު ހާލަތަކަށް ގެންދެވޭނީ މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކޮށްގެން ކަމަށާއި އެކަން ހަނދާނުގައި ބެހެއްޓުމަށް އެދޭ ކަމަށެވެ.