މެލޭޝިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ލައްކައަކަށް އަރައިފިއެވެ.

މެލޭޝިއާއިން ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 1581 ކޮވިޑް ކޭސް ފެނިފައި ވާއިރު އެގައުމުން ވަނީ ކުރިން ނުފެންނަ ހަތަރު ކްލަސްޓާއެއް ވެސް ފެނިފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އެގައުމުގައި ބަލިޖެހިގެން ދެ މީހަކު މަރުވެފައިވާއިރު މިހާތަނަށް 446 މީހުން މި ބަލީގައި މަރުވެފައި ވެއެވެ.

ކޮވިޑް ކޮންޓްރޯލް ކުރުމަށް މެލޭޝިއާއިން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން އެގައުމުން ވަނީ ކޮވިޑް ވެކްސިން ފައިޒާގެ ފުރަތަމަ ބެޗް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ. މެލޭޝިއާއިން އަންނަނީ އަންނަ ފެބްރުއަރީ މަހު ފައިޒާ ވެކްސިންގެ 12.8 މިލިއަން ޑޯޒް ގެންދިއުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން ރަޝިޔާގެ ކޮވިޑް ވެކްސިންގެ 6.4 މިލިއަން ޑޯޒްގެ ވެކްސިން ގަތުމުގެ މަސައްކަތުގެ މަޝްވަރާތައްވެސް އެގައުމުން ވަނީ ފަށާފައެވެ.

މެލޭޝިއާއިން ވަނީ އެގައުމުގެ އާބާދީގެ 82.8 އިންސައްތަ މީހުންނަށް ކޮވިޑް ވެކްސިން ދިނުމަށް 500 މިލިއަން ޑޮލަރު ހަރަދުކުރުމަށް ނިންމައިފައެވެ.