ކުޅުދުއްފުށީ ސިޓީގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފި އެވެ.

އެމްޓީސީސީން މިހާރު ވަނީ ކުޅުދުއްފުށި ބަނދަރުގެ މަސައްކަތް ނިންމާލައިފަ އެވެ. އަދި ކުޅުދުއްފުށިގައި ހުންނަ އެ އަތޮޅު، އަތޮޅު ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ މަސައްކަތް ކުރިއަށްދާ ގޮތްވެސް އޭނާ ވަނީ ބައްލަވައިލައްވައިފަ އެވެ.

އެމްޓީސީސީން ބުނީ ކުޅުދުއްފުށި ހޮސްޕިޓަލުގެ ލެބޯޓަރީ އަޕްގުރޭޑުކޮށް 30 އެނދުގެ ވޯޑް އިމާރާތެއް ދެ ބުރިއަށް އެޅުމާއި، އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއި، ހޮސްޕިޓަލުގެ މައި އިމާރާތާއި އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުން މި މަޝްރޫއުގެ ތެރެއިން ކުރާނެ ކަމަށެވެ.

ޖުމްލަ 30.3 މިލިއަން ރުފިޔާގެ މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެވެ.