ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވި އިރުވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓް ކޮމިޓީން އާންމުކޮށްފައި ނުވާތީ އާއި H7 ފިޔަވައި އެހެން އެއްވެސް ކެޓެގަރީއެއްގެ ބަޔަކަށް ދިރިއުޅުމުގެ ހާލަތަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ލިބިފައިނުވާތީ ހިޔާ ފްލެޓްގެ ދާއިމީ ލިސްޓު ނެރުން ހުއްޓުވައި ދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.
ފްލެޓްތަކުގެ މައްސަލައިގައި އަޑު އުފުލުމަށް އުފެއްދި އެކުވެރި ގުޅުމުގެ ޖަމިއްޔާ އިން ބުނީ، މި ސަރުކާރުގެ ފްލެޓް ކޮމިޓީން އާ ލިސްޓުތަކެއް އާއްމުކުރިއިރު، އެންމެ ގިނަ ބަޔަކަށް ޕޮއިންޓް މަދުވީ ދިރިއުޅުމުގެ ހާލަތު ބައިން ކަމަށެވެ. ނަމަވެސް ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓު ދިން މިންގަނޑު ފްލެޓު ކޮމެޓީން އިއުލާން ކުރި އިރު H7 ފިޔަވައި އެހެން ހުރިހާ ބައެއްގެ ޝަކުވާ ހުށަހެޅުުމުގެ ފަހު ތާރީހު ހަމަވެފައިވާ ކަމަށް ބުންޏެވެ.
އަދި H7 ފިޔަވައި އެހެން އެއްވެސް ކެޓެގަރީއެއްގެ ބަޔަކަށް ދިރިއުޅުމުގެ ހާލަތަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލި މުއްދަތުގައި، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ނުދީ ދާއިމީ ލިސްޓު ނެރުމަކީ އެތައް ހާސް ބައެއްގެ ހައްގަށް އަރައިގަނެވޭނެ ކަމެއް ކަމަށް އާއްމުންގެ އެކުވެރި ގުޅުމުން ބުންޏެވެ.
އެހެންވެ، ބޯހިޔާވަހިކަމަށް އެދުނު ވަކިވަކި މީހުން މެދުވެރިކޮށް އޭސީސީއަށް މި މައްސަލަ މިއަދުން ފެށިގެން ހުށަހަޅަން ޖަމިއްޔާ އިން މަސައްކަތް ފަށާފައިވާ ކަމަށާއި އަދި ޝަކުވާ ހުށަހެޅުމުގެ އަސާސީ ހައްގު އާންމުންނަށް ނުދީ ދާއިމީ ލިސްޓު ނެރުމުން ދެން ނުކުންނާނެ މައްސަލަތައް އިތުރަށް "ކޮމްޕްލެކްސް" ވެފައި، ހައްލު ކުރަން އުދަނގޫވެ، އަނެއްކާ ވެސް އެތައް ވަގުތެއް ބޭކާރުވެގެން ދާނެ ކަމަށް ބުންޏެވެ.
"ޝަކުވާ ހުށަހެޅުން ފަދަ އަސާސީ ހައްގެ ހޯދަން އާންމު މީހާ މިގޮތަށް ސިޓީލައި، އެމީހާއަށް މިގޮތަށް "ގަނަތެޅެން" މަޖުބޫރު ކުރުވުމަކީ ވެސް ވަރަށް ދެރަކަމެކެވެ. އާންމުންނަށް ޝަކުވާ ހުށަހެޅުުމުގެ އަސާސީ ހައްގެއް ދީގެން ހެޔޮވެެރިކަމެއް ކުރާ ބަޔަކަށް ލިބޭނެ ގެއްލުމެއް އޮވެދާނެ ކަމަކަށް ނުފެނެއެވެ،" އާއްމުންގެ އެކުވެރި ގުޅުމުން ބުންޏެވެ.
ފްލެޓު ކޮމިޓީން މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކުރުމަށް މިމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ފްލެޓް ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ، މިހާތަނަށް އައި އިރު ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ހަ ކެޓަގަރީއެއްގެ ވަގުތީ ލިސްޓު އާންމު ކޮށްފައިވާ ކަމަށެވެ. އެގޮތުން އާންމުކޮށްފައިވާ ވަގުތީ ލިސްޓުގައި ޕޮއިންޓް ދީފައިވާ ގޮތް ސާފުކޮށް ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ، މިހާރު އާންމުކޮށްފައިވާ ވަގުތީ ލިސްޓުތަކުގައި ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކާއި ޝަރުތު ހަމަނުވާ ފަރާތްތައް ވެސް ސަބަބަކާއެކުގައި ބަޔާންކޮށްފައިވާނެ ކަމަށެވެ.
މިހާތަނަށް ވަގުތީ ލިސްޓު އިއުލާނުކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ، މާލޭގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ އަދި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓެގަރީގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު