މަސްވެރިންނަށް ދިމާވާ ގޮންޖެހުންތައް ގޯހުން ގޯހަށްދާ ކަމަށް ބުނެ މަސްވެރިން ކުރަމުން އަންނަ މުޒާހަރާ މިވަގުތަށް ހުއްޓާލި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސްވެރިންނާ ބައްދަލު ކުރައްވަންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް އެކަމުގައި އިސްކޮށްއުޅޭ މަސްވެރިންތަކެއް ބުނެފި އެވެ.
އިއްޔެ ހެނދުނުން ފެށިގެން މަސްވެރިންތަކެއް ދިޔައީ ފެލިވަރުގައި މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ޑިމާންޑު ކުރަމުން ދިޔައީ މަހުގެ ހަމައަގު މަސްވެރިންނަށް ހޯދައި ދިނުމަށާއި މަހުގެ އަގު 20 ރުފިޔާ އަށްވުރެ ދަށް ނުކުރުމަށެވެ. އަދި ފަސޭހަ ކަމާއެކު ފެލިވަރުގައި މަސްކިރޭނެ އިންތިޒާމު ހަމަޖައްސައި، ށ. ކީކިމިނި މިފްކޯގެ ބެލުމުގެ ދަށަށް ގެނައުމަށް ވެސް ގޮވާލި އެވެ.
އެ މުޒާހަރާ ކުރަމުންދިޔަ މަސްވެރިންތައް ވަނީ ރައީސް ސޯލިހު މަސްވެރިވެރިންގެ ޝަކުވާތައް އަޑުއަހައި މަސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މަސްވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގޮވާލައިފަ އެވެ.
މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި މަސްވެރިއަކު "ވަން" އަށް ބުނީ، 13 ގަޑިއިރު ވަންދެން ކުރި އެ މުޒާހަރާ ހުއްޓާލީ ފުލުހުންނާ ކުރިމަތިލާން ބޭނުންނުވާތީ ކަމަށެވެ. އެގޮތުން ފެލިވަރަށް މަސްވެރިންތައް އެރި ފަހުން އިއްޔެ ހަވީރުގެ ވަގުތެއްގައި ޝީލްޑްތަކާއެކު އިތުރު ފުލުހުންތަކެއް އެރަށަށް ދިޔަ ކަމަށާއި އަދި 15 މިނެޓް ތެރޭގައި ރަށުން ނުފައިބައިފިނަމަ ބާރުގެ ބޭނުން ކުރާނެ ކަމަށް ފުލުހުން އިންޒާރު ދިން ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން އެންމެ ފުރަތަމަ ތިބީ ފެލިވަރު ފަޅު ތެރޭގައި މުޒާހަރާ ކުރަން. އަޅުގަނޑުމެން ބުނިން ފުލުހުން ކައިރީގަ ވެސް އަޅުގަނޑުމެން މިއައީ ހަނގުރާމައެއް ކުރާކަށް ނޫނޭ. އަދި ބަޔަކަށް ގެއްލުން ދޭކަށް ވެސް ނޫނޭ. އަޅުގަނޑުމެން މިއައީ އަޅުގަނޑުމެންނަށް ހައްގުވާ މިންވަރު ހޯދުމަށޭ. ގާތްގަނޑަކަށް 25 ދޯނީގެ މަސްވެރިން އިއްޔެ މިތަނުގައި (ފެލިވަރުގައި) ހަރަކާތްތެރިވި. މަސްވެރިން ރުޅި ގަދަވީ ފެލިވަރުގައި ތިބި އެއްވެސް އިސްވެރިއަކަށް އަޅުގަނޑުމެންގެ އަޑެއް ނީވުނީމަ. އިވޭ ކަމަށް ވެސް ނެހެދީމަ. މިތާ ތިބެ އަޅުގަނޑުމެން މި ކިޔަނީ ކީކޭ ކަންވެސް ބަލާލަން ނައިމަ. އެހެންވެ އެއްގަމަށް އެރީ،" "ވަން" އަށް މައުލޫމާތު ދިން މަސްވެރިޔާ ބުންޏެވެ.
އޭނާ ބުނީ، މިވަގުތަށް މުޒާހަރާތައް ހުއްޓާލި ނަމަވެސް ރައީސް ސޯލިހަށް މަސްވެރިންގެ އަޑު އިވެންދެން އަދި އެމީހުންގެ ޑިމާންޑު ތަކަށް އަވަސް ހައްލެއް ލިބެންދެން މުޒާހަރާ ކުރަމުންދާނެ ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މަސްވެރިންގެ ޑިމާންޑުތައް ހައްލުނުވާނަމަ މިއަށްވުރެ ވަރުގަދަ އަށް ރައީސް ސޯލިހަށް އަޑު އިވޭނެ ފަދަ ގޮތަކަށް މުޒާހަރާ ކުރާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު