ބޭހާއި އަސާސީ މުދަލުގެ އަގު ކޮންޓްރޯލް ކުރެވޭނީ ބިމު ކުލި އަތްފޯރާ އަގަށް ތިރިކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އިން ވިޔަފާރީގެ ބޭނުންތަކަށް ދޫކުރަން ހުޅުވައިލި ޖާގަތަކުގެ އަގުތައް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ އާންމު ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ބޮންޑޭ ވިދާޅުވީ، ބޭސް ވިއްކާ ފާމަސީތަކާއި އަސާސީ ކާޑުގެ ބާވަތްތައް ވިއްކަން ދޫކުރާ ފިހާރަތަކުން ނަގާ ބޮޑު ކުލީގެ ފައިސާއަކީ ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ޖީބުން ނުސީދާކޮށް އަތުލެވޭ ފައިސާއެއް ކަމަށެވެ.

ހިޔާ ކޮމާޝަލް އިން ޖާގަ ދޫކުރުމަށް ނިންމާފައިވަނީ ދެ ސުޕަމާޓު ހިންގުމަށާއި ކްލިނިކެއް ހިންގުމަށާއި ބޭސްފިހާރައަކާއި ކާބޯތަކެތި ވިއްކާ ކުދި ފިހާރަތައް ހިންގުމަށާއި ކެފެޓީރިއާ ހިންގުމަށެވެ.

އެގޮތުން ބޭސްފިހާރައާއި ކްލިނިކެއް ހިންގުމަށް 542 އަކަފޫޓުގެ ޖާގައަކާއި 2،196 އަކަފޫޓުގެ ޖާގައެއް ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު، ކުލީގެ ގޮތުގައި ފުރަތަމަ ދެ އަހަރު އެ ބިންތަކުން ނަގާނީ އަކަ ފޫޓަކަށް 15 ރުފިޔާއެވެ. އަދި ތިންވަނަ އަހަރުން ފަސްވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ބޭސްފިހާރައާއި ކްލިނިކް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ދެ ސުޕަމާޓް ހިންގުމަށް ހިޔާ ފްލެޓް ހަ އަކާއި 14 އިން 3،000 އަކަފޫޓަށް ވުރެ ބޮޑު ޖާގައެއް ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު، ކުލީގެ ގޮތުގައި ފުރަތަމަ ދެ އަހަރު އެ ބިމުން ނަގާނީ އަކަ ފޫޓަކަށް 15 ރުފިޔާއެވެ. އަދި ތިންވަނަ އަހަރުން ފަސްވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ސުޕަމާކެޓް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ކާބޯތަކެތި ވިއްކާ ކުދި ފިހާރަތައް ގާއިމުކުރުމަށް 1،000 އަކަފޫޓުގެ ޖާގަ، ހިޔާ ފްލެޓް 12 އާއި 16 އިން ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު، އެތަނުގެ ކުލީގެ ގޮތުގައި ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 15 ރުފިޔާ ނަގަން ވަނީ ހަމަޖައްސައިފައެވެ. ތިންވަނަ އަހަރުން ފަސްވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ގްރޮސަރީ ފިހާރަ ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މީގެ އިތުރުން ކެފޭ ހިންގުމަށް ހިޔާ ފްލެޓް 12 އިން 926 އަކަފޫޓާއި ހިޔާ ފްލެޓް 15 އިން 1،085 އަކަފޫޓުގެ ޖާގައެއް ދޫކުރުމަށް އިއުލާނުކޮށްފައިވާ އިރު، އެތަނުގެ ކުލީގެ ގޮތުގައި ފުރަތަމަ ދެ އަހަރު އަކަފޫޓަކަށް 15 ރުފިޔާ ނަގާނެއެވެ. ތިންވަނަ އަހަރުން ފަސްވަނަ އަހަރަށް ބިޑް ކުރެވޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 30 ރުފިޔާއެވެ. ކެފޭ ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.