ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން މިހާތަނަށް 190 އަށްވުރެ ގިނަ ގެސްޓް ހައުސް ހުޅުވައިފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ބޯޑަރު މާޗް 27 ގައި ބަންދުކުރުމަށްފަހު އަލުން ހުޅުވާލީ ޖުލައި 15 ގައެވެ. ނަމަވެސް ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ 15 އިން ފެށިގެންނެވެ. އެ ހުއްދަ މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް ދިނީ މިމަހުގެ 14 އިން ފެށިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް 193 ގެސްޓް ހައުސްގައި 3610 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.

މިހާތަނަށް އެންމެ ގިނައިން ގެސްޓް ހައުސް ހުޅުވާފައި ވަނީ މާލެ އަތޮޅުންނެވެ. މި އަތޮޅުގައި 88 ގެސްޓް ހައުސްއެއްގެ 2026 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. ދެވަނަ އަށް އއ. އަތޮޅުގެ 48 ގެސްޓް ހައުސްއެއްގެ 656 އެނދު ވަނީ ހުޅުވާލައިފަ އެވެ.

ވަކިވަކި ރަށްރަށަށް ބަލާއިރު އެންމެ ގިނަ ގެސްޓް ހައުސްތައް ހުޅުވާފައި ވަނީ އއ. ތޮއްޑޫ އެވެ. އެ ރަށުގެ 24 ގެސްޓްހައުސްއެއް ހުޅުވައި، 310 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. އަދި ކ. މާފުށީގެ 18 ގެސްޓްހައުސްއެއްގެ 748 އެނދު ވެސް ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ. މާލެ ސަރަހައްދުން މިހާތަނަށް ހުޅުވާފައިވަނީ 19 ގެސްޓް ހައުސް އެކެވެ. އެއާއެކު 530 އެނދު ވަނީ އޮޕަރޭޝަނަށް ހުޅުވާލައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 139 ރިސޯޓް/ މެރީނާސް ވަނީ ހުޅުވައިފަ އެވެ. އެއާއެކު 32380 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. އަދި މިއަހަރު ނިމޭއިރު އިތުރު ތިން ރިސޯޓެއް ހުޅުވައި، އިތުރު 412 އެނދު އޮޕަރޭޝަނަށް އަންނާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.