ހާފިޒުންނަށް އިނާމު ދިނުމުގައި ދަރަޖަ ތަފާތު ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ ކީރިތި ގުރުއާން ހިތުދަސްކޮށް، އެއް ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، މި އަހަރުން ފެށިގެން ހާއްސަ މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.
ޑރ. ޝަހީމް ވިދާޅުވީ ގުރުއާން ހިތުދަސްކުރާ އެކިކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނާނީ އެކި ވަރަށް ކަމަށް ކަމަށާއި އެހެންކަމުން ހާފިޒުންނަށް އިނާމު ދޭންވީ އެކުދިން ގުރުއާން ދަސްކުރީތީ ކަމަށެވެ. އަދި އެގޮތަށް ދަރަޖަކޮށް އިނާމު ދޭނަމަ ވަރަށް ގިނަ ކުދިން ހިތުގައި ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
"މިސާލަކަށް އޯޓިޒަމް ހުންނަ ކުއްޖަކު ގުރުއާން ދަސްކޮށްފާނެ އެވެ. އޭނާގެ ކިޔެވުން އެންމެ ކުޅަދާނަ ނުވެދާނެ އެވެ. ކިޔެވުމުގެ ފެންވަރާއި ދަރަޖަ ވެސް ތަފާތުވެދާނެ އެވެ. މިފަދަ ކިތަންމެ ސަބަބަކާ ގުޅިގެން ހާފިޒުންނަށް ގައުމީ އިނާމު ދޭންވީ ފެންވަރަށް ބަލައިގެނެއް ނޫން ކަމަށް އަޅުގަނޑު ދެކެމެވެ. އިނާމު ދޭންވީ ﷲގެ މާތް ފޮތް ދަސްކުރި ކަމަށްޓަކަ އެވެ.،" ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ގައުމީ އިނާމު ދޭ ހަފްލާގައި އެއްވަނަ ދަރަޖައަށް އިނާމު ދީފައި، ގުރުއާން މުބާރާތުގެ އިނާމު ދޭ ޖަލްސާގައި ދެވަނަ ދަރަޖައަށް އިނާމު ދިނުމަކީ ވެސް ހާފިޒުން ހިތުގައި ޖެހޭނެ ކަމެއް ކަމަށެވެ. އަދި އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބުމަކީ ވެދާނެ ކަމަކަށްވާތީ، ތަފާތުނުކޮށް، ގުރުއާން ދަސްކުރި ކަމަށްޓަކައި ގައުމީ އިނާމު ދެއްވުމަށް ޝަހީމް އެދިވަޑައިގަތެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ހާޒިފުންނަށްޓަކައި ސަރުކާރުން ރަނގަޅު ކަމެއް ކޮށްދޭން ބޭނުންވާނަމަ ހާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް 2،000 ރުފިޔާ އިން 5،000 ރުފިޔާއަށް އިތުރުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައީސް އޮފީހުން އިއްޔެ ބުނީ، އެއްވަނަ ދަރަޖައިގައި މި އަހަރު ފާސްވި ހާފިޒުންނަށް ހާއްސަ މެޑެލް ދޭނީ ދައުލަތުން ދޭ އެކި އިނާމުތައް ދިނުމަށް އަންނަ ހޮނިހިރު ދުވަހު ރޭ ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމިއްޔާތުގައި ކަމަށެވެ. އަދި ކީރިތި ގުރުއާން ހިތުދަސްކޮށް، ދެ ވަނަ ދަރަޖަ އަދި ތިން ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް، މީގެ ފަހުން ދެމުން ގެންދާނީ ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބާއްވާ ޖަލްސާގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު