ސަރުކާރުގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގދ. ތިނަދޫ އާއި އިންޑިއާއާ ދެމެދު މުދާ އުފުލުމުގެ ހިދުމަތް މިއަދު ފަށައިފިއެވެ.
އިންޑިއާގެ ސޫތުކުޅި އާއި ރާއްޖޭގެ ދެކުނާ ގުޅާލާ ކާގޯ ދަތުރުތައް ފެށުމުގެ ގޮތުން ތިނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ ހުއްޓިފައި އޮތް ޝިޕިން އިންޑަސްޓްރީ އަލުން ކޮޅަށް ޖަހައި އެ ސިނާއަތަކީ ރާއްޖޭގެ މައި ސިނާއަތަކަށް ހެދުން ކަމަށެވެ. އެގޮތުން ތިނަދުއަށް ސީދާ އިންޑިއާއިން މުދާ ގެނެވޭ ގޮތް ވުމަކީ، އުންމީދީ ފެށުމެއް ކަމަށާއި އުންމީދަކީ ކުރިއަށް އޮތް ދުވަސްތަކުގައި ބޯޓު ފުރެންދެން ތިނަދުއަށް މުދާ ގެނެސްދިނުން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއީ ފެށުމެއް. މިއަދު އަޅުގަނޑުމެން މި ބޯޓު ކައިރިކުރާއިރު 400 އެއްހާ ޓަނުގެ މުދާ މިހުރީ. އެހެންނަމަވެސް އަޅުގަނޑު އުންމީދު ކުރަނީ، އަދި ޔަގީން ކުރަނީ މި ބޯޓު ފުރާލައިގެންވެސް ތިނަދުއަށް އަންނާނެ ކަމަށް،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެމްއެސްއެސް ރަނގަޅަށް އޮޕަރޭޓް ކުރަން ފެށުމުން ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ވިޔަފާރިތަކަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ، އެމްއެސްއެސް ވުޖޫދުކުރެވިގެން އައީ، ދުނިޔޭގެ އިގުތިސޯދު ހުއްޓުމަކަށް އައިސްފައިވާ ދުވަސްވަރެއްގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ޝިޕިންލައިންތަކުން ފްރައިޓު ރޭޓު ބޮޑުކުރި ކަމަށްވެސް ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، އެ ދަތި ދުވަސްވަރުގައިވެސް އެމްއެސްއެސްއިިން ރާއްޖެއަށް ހެޔޮ އަގުގައި މުދާ ގެނެސްދިން ކަމަށެވެ. އަދި އެކަމުގެ މަންފާ ވިޔަފާރިތަކަށް ކޮށްފައިވާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
މީގެ އިތުރުން އަމްރު ވިދާޅުވީ، ޒަމާނުއްސުރެ ހުވަދު އަތޮޅަކީ ބޭރުގެ މުދާ ބޯޓުތައް ޑައިރެކްޓުކޮށް އަންނަ އަތޮޅެއް ކަމަށާއި އޭރު މެދުވެރިވި ހާލަތާ ގުޅިގެން އެކަން ހުއްޓުނު ނަމަވެސް މިހާރު ބޭނުން ވަނީ ހުވަދު އަތޮޅަކީ ވިޔަފާރި ހަބަކަށް ހެދުމަށް ކަމަށެވެ.
"އަޅުގަނޑުމެން އެންމެންގެ އަމާޒަކީ މިއަދު އަލުން އަނބުރާ އެ ދުވަސް ގެންނަން. އަލުން އަނބުރާ ހުވަދޫ އަތޮޅަކީ ވިޔަފާރި ހަބެއް ކަމުގައި ހަދަން،" އަމްރު ވިދާޅުވިއެވެ.
އިންޑިއާގެ ސޫތުކުޅިން އަންނަ މި ބޯޓުގައި ފުރަތަމަ ގެނެސްފައިވަނީ 400 މެޓްރިކް ޓަނުގެ މުދަލެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު