ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދައުވާކުރި މީހެއްގެ މައްޗަށް އެ މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

އެއީ ކުޑަކުއްޖަކަށް އެ ކުއްޖާގެ މަންމަގެ ރައްޓެއްސެއްގެ ފަރާތުން ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެ މައްސަލައިގައި ތުހުމަތު ކޮށްފައިވަނީ، އެ ކުއްޖާގެ އުމުުރުން އަށް އަހަރުން ފެށިގެން 14 އަހަރާ ހަމައަށް، އެ މީހާ އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމަށެވެ. އެ ކުއްޖާ ދީފައިވާ ބަޔާންތަކުގައި ބުނެފައިވަނީ އެ މީހާ ޖިންސީ ގޯނާ ކޮށްފައިވަނީ އޭނާ އާއި އޭނާގެ ކޮއްކޮ އެކަނި ގޭގައި ހުންނަ ވަގުތުތަކުގައި ކަމަށެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ ބުނެފައިވަނީ އޭނާގެ މައްޗަށް، ޖިންސީ ގޯނާގެ ތުހުމަތުކޮށް މައްސަލަ ހުށަހެޅީ އެ ކުއްޖާ އާއި ކުއްޖާގެ ދައްތަގެ އުޅުން ގޯސްކަމުން އެ ވާހަކަ ކުއްޖާގެ މަންމަ ގާތުގައި ބުނާތީ ލަނޑެއް ދިނުމުގެ ގޮތުން ކަމަށެވެ.

ނަމަވެސް ޖިންސީ ގޯނާގެ މައްސަލަ އެ ކުއްޖާގެ ދައްތަ ޖެނުއަރީ 2012 ގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހެޅުމުން، އެ ކޮމިޝަނުން އެ މައްސަލަ ފުލުހުންނަށް ފޮނުވި އެވެ. އެ މައްސަލަ ޕީޖީން ކްރިމިނަލް ކޯޓަށް ހުށަހެޅީ 10 މާޗް 2013ގަ އެވެ. ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ކުރީ، ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަ ބެލުމަށްފަހު ސާބިތުނުވާ ކަމަށް އެ ކޯޓުން ނިންމީ 25 ސެޕްޓެމްބަރު 2019 ގައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުގެ ހުކުމް ޕީޖީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލައި މިދިޔަ އާދިއްތަ ދުވަހު، ހައިކޯޓުން ކުރި ހުކުމްގައިވަނީ ފަސް ބާވަތުގެ ހެކި ލިބިފައި ނެތަސް، ލިބިފައިވާ ހެކީގެ މައްޗަށް ބަލާއިރު، އެ ހެކިތަކަކީ ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ޝަރީއަތަށް ސާބިތު ކުރުމަށް ފުދޭ ހެކިތަކެއް ކަމަށްވާނަމަ، އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ކުށް ސާބިތުވާ ކަމަށް ނިންމިދާނެ ކަމަށް އެ ކޯޓުގެ ކުރީގެ ގަޒިއްޔާއެއްގައި ނިންމާފައިވާ ކަމެވެ.

ކުށް ސާބިތުކުރުމަށް ވަކި އަދަދަކަށް ހެކި ހަމަކުރުމުގެ ބަދަލުގައި، މައްސަލައިގައި ކުޑަކުއްޖާ ދީފައިވާ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކިބަހެއް ކަމުގައިވާނަމަ، އެ ހެކިބަހުގެ މައްޗަށް ދައުވާ ސާބިތު ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ވެސް މީގެ ކުރިން ނިންމާފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭ މައްސަލަތަކަކީ ގިނަ ފަހަރު ހަމަ އެކަނި ކުޑަކުއްޖާ ބުނާ ބުނުމުގެ މައްޗަށް ބިނާވެފައިވާ ހެކިތަކަކަށް ވުމުން، އެ ކުއްޖާ އެ ހާދިސާ އެކި ފަހަރު ކިޔައިދޭ ކިޔައިދިނުމުގައި ހުރެދާނެ ފުށުއެރުންތަކަށާއި އަދި އެއީ ހަގީގަތެއް ނެތި އަލަށް އުފައްދައިގެން ދައްކަފާނެ ވާހަކައެއްކަމުގެ މައްޗަށް ބުރަވެވޭފަދަ ކަންތައްތަކެއް ހުރިނަމަ އެކަންކަމުގެ މައްޗަށް ވެސް ޝަރީއަތުން ބަލަން ޖެހޭނެ ކަމާއި އެކުށުގެ އަމަލަކީ ކޮށްފައިވާ އަމަލެއް ކަމާމެދު އެކަށީގެންވާ ޝައްކެއް އުފެދިފައިވާނަމަ، އެކުށް ސާބިތުވާ ކަމަށް ކަނޑައެޅިގެން ނުވާނެ ކަމަށް ވެސް ހައިކޯޓުގެ ގަޒިއްޔާއެއްގައި މީގެ ކުރިން ބުނެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އަނިޔާ ލިބުނު ކުއްޖާ ދޭ ހެކިބަހަކީ އާދަޔާ ހިލާފަށް ގަބޫލުކުރެވޭ ހެކިބަހެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި މައްސަލަ ބަލާ ފަނޑިޔާރު ރިއާޔަތް ކުރަންޖެހޭ ކަންތައްތައް ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ފާހަގަ ކޮށްފައިވާ ކަންތައްތައް:

  • ކުއްޖާގެ ހެކިބަސް އެތެރެފުށުން އަދި ބޭރުފުށުން އެއްގޮތްވޭތޯ ބެލުން
  • ޝަކުވާ އުފުލި ފަރާތުގެ އަހުލާގާއި އަމަލުތަކާއި ކުއްޖާގެ އުޅުން ހުންނަ ގޮތް
  • ކުއްޖާ ތުހުމަތު ކުރެވޭ މީހާއާ ބެހޭގޮތުން ޝަކުވާކުރުމުގައި އެއްވެސް ނުނިޔަތެއް އޮތްތޯ

ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާ އާއި އެ ކުއްޖާގެ ދައްތަ ތަހުގީގަށާއި ޝަރީއަތަށް ދިން ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ. އަދި އެ ކުއްޖާގެ މަންމަ ދައްކާފައިވާ ވާހަކަތަށާއި ކުއްޖާ އާއި ކުއްޖާގެ ދައްތަ ދައްކާފައިވާ ވާހަކަތަށް ތުހުމަތު ކުރެވޭ މީހާ ދީފައިވާ ރައްދުތަކަށް ބަލާއިރު، ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ ކުއްޖާގެ ބަހަކީ އާދަޔާ ހިލާފަށް ތެދު ބަހެއްކަމާމެދު އެކަށީގެންވާ މިންވަރުގެ ޝައްކުތަކެއް އުފެދިފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައިވެ އެވެ.

އެހެންކަމުން ދައުލަތުން އުފުލާފައިވާ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށް ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމަށްވާ ޝުއައިބު ހުސެއިން ޒަކަރިއްޔާ، އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއުގެ އިއްތިފާގުން ވަނީ ހުކުމްކޮށްފަ އެވެ.