ޚަބަރު

އިންތިގާލީ އިންސާފުގެ ގާނޫނުން ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައެއް ނުބެލޭނެ: އިންތި

އިބްރާހިމް ޒަކީ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އޭރުގެ ކްރިމިނަލް ކޯޓިގެ ގާޒީއަކަށް ހުންނެވި އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލައަކީ އިންތިގާލީ އިންސާފުގެ ގާނޫނުން ބެލޭނެ މައްސަލައެއް ނޫން ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގައި ރޭ ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ، އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާ މަފްހޫމުގެ ތެރެއަށް ނުފެތޭ ކަމަށެވެ. އަދި އެއީ އެ ގާނޫނުގައި އޮތް ކަންކަމަކާ ގުޅުވޭނެ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

"އަބްދުﷲ ގާޒީއަށް ދިން އަނިޔާއެއް އޮތީކީއެއް ނޫން، އެ ގާޒީއަކީ ޖިނާއީ ކޯޓުގެ ގާޒީއަކަށް އިންނެވިއިރު، ކޮންމެސް މީހަކު މަރައިލި މައްސަލައެއްގައި ހެލްތު މިނިސްޓަރު ޖަވާބުދާރީ ކުރުވަން ކަމަށް ވިދާޅުވެ އެމީހާ ދޫކޮށްލި. ދޫކޮށްލި ދުވަސް ނޫން އަނެއް ދުވަހު އެމީހާ ގޮސް އެހެން މީހަކު އަނެއްކާ މަރައިލީ ކިހާ ނުރައްކާ ކަންތައްްތައްތޯމީ، އެމިންވަރުގެ ފަނޑިޔާރުން ފަނޑިޔާރުކަން ކުރުމުގައި އޮތް ނުރައްކާ އޭރު ވެސް ސިފަވޭ،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އަބްދުﷲ ގާޒީ އެކަހެރިކޮށްފައި ބެހެއްޓީ، ރާއްޖޭގެ ވެރިކަމުގެ ތެރެއިން އިންސާފެއް ނެތި ރައްޔިތުން ހިފާ ހައްޔަރުކޮށް އަނިޔާކުރި ގޮތަކަށް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމުގައި ނިޒާމީ ސިފައްގެއްގައި ދައުލަތުގެ މުއައްސަސާތަކުންނާއި ދައުލަތުގެ ވެރިންގެ ގޮތުގައި ތިބި މީހުންނަށް ޖިސްމާނީ އަނިޔާކޮށް އިންސާނީ ހައްގުތަކަށް އަރައިގަނެ ހިނގައިދިޔަ ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އިންތިގާލީ އިންސާފުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ، ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމަށްފަހު ދެން އައި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުން ފެށިގެން ރައީސް ޔާމީންގެ ވެރިކަން ނިމުމާ ހަމައަށް ނުހައްގުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށެވެ. ނަމަވެސް އެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ބަދަލު ގެނަސް މަޖިލީހުން ބިލު ފާސްކުރީ ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ 1953 ވަނަ އަހަރުން ފެށިގެން 17 ނޮވެންބަރު 2018 އަށް ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާއި ހިލާފަށް ހިންގާފައިވާ އަމަލުތައް ބެލޭނެ ގޮތަށެވެ.

އިންތި ވިދާޅުވީ، އެ ގާނޫނަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ވަކި ބައެއްގެ ކިބައިން ބަދަލު ހިފުމަަށް އަމާޒު ކޮށްފައިވާ ބިލެއް ނޫން ކަމަށެވެ.

އިންތިގާލި އިންސާފުގެ ބިލު ތަސްދީގު ކުރައްވައި، މިދިޔަ ބުރާސްފަތި ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ "އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީސް" އުފައްދަވައިފަ އެވެ. އެކަމާ ގުޅިގެން އަބްދުﷲ ގާޒީ އާއި އޭނާގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަށް މައްސަލަ ހުށަަހަޅައިފިނަމަ އެ މައްސަލަ ބެލޭނެތޯ، ގިނަ ފަރާތްތަކަުން ދަނީ ސުވާލު ކުރަމުންނެވެ.

އާއިލާއާއެކު ގޭގައި އުޅުއްވައިނުކޮށް ތިން ވެހިކަލެއްގައި ދިޔަ ސިފައިން އެގެއަށް ވަދެ އަބްދުﷲ ގާޒީ ހައްޔަރު ކުރީ 16 ޖޫން 2012 ވަނަ ދުވަހުގެ ރެ އެވެ. އެކަމާ ގުޅިގެން އަބްދުﷲ ގާޒީ ވަގުތުން ދޫކޮށްލުމަށް އޭރު ހުންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އަމުރު ކުރެއްވި އެވެ. އަދި ބައިނަލްއަގުވާމީ ދުނިވޭގެ ގިނަ ގައުމުތަކަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް އެކަމަށް ގޮވާލި އެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން އެކަން ކޮށްފައެއް ނުވެއެވެ.