އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ވެސްޓް ހަމް ބަލިކޮށްފިއެވެ.

ޗެލްސީގެ ސްޓެންފޯޑް ބްރިޖުގައި ރޭ ކުޅުނު މެޗު ޗެލްސީން ކާމިޔާބުކުރީ 3-0ގެ ނަތީޖާއަކުންނެވެ. މެޗަށް ނުކުތްއިރު ޗެލްސީ އޮތީ އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުންވެސް ބަލިވެފައެވެ. އެވަޓަންގެ އިތުރުން ވުލްވްސް އަތް ދަށުވެ ޗެލްސީން ލީގު ތާވަލުގެ ހަވަނައަށް ސޮއްސާލާފައި އޮތްއިރު، ރޭގެ މެޗުން މޮޅުވެ އެޓީމު މިހާރު ވަނީ ފަސްވަނައަށް ޖެހިލައިފައެވެ.

ޗެލްސީއަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް އެވަޓަންއަށްވެސް 14 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ. ލީގުގެ ފޯމް ރަނގަޅުކޮށް ޔުނައިޓެޑް ތިންވަނަ މަގާމުގައި އޮތްއިރު، ދެވަނައިގައި މިވަގުތު އޮތީ ލެސްޓާ ސިޓީއެވެ. އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއްގައި އޮތީ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލެވެ.

ޗެލްސީން ރޭގެ މެޗުގައި ކުޅުނު ކުޅުމަކީ އެޓީމުން މި ސީޒަންގައި ދެއްކި އެންމެ ރަނގަޅު ކުޅުން ނޫން ނަމަވެސް ތިން ގޯލާއެކު އެޓީމަށް ވަނީ އަނެއްކާވެސް ހިތްވަރު އާވެފައެވެ. މެޗުގެ ކުރީކޮޅުގައި ލިބުނު ކޯނަރަކުން ތިއޭގޯ ސިލްވާ ޗެލްސީއަށް ލީޑު ނަގައިދިންއިރު، ޑިފެންޑަރު ބެން ޗިލްވެލްއަށް އަނިޔާވެ ފުރަތަމަ ހާފްގައި ވަނީ ބަދަލުކުރަން ޖެހިފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އެމަސަންއެވެ.

ޗެލްސީގެ ގޯލަށްފަހު ވެސްޓްހަމްއިން ބޯޅަ ހިފަހައްޓައި ޑޮމިނޭޓް ކުރި ނަމަވެސް އެޓީމަށް ޗެލްސީގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް އުފައްދިފައެއް ނުވެއެވެ. އޭގެ ފައިދާ ނަގައި ޗެލްސީން އަނެއްކޮޅަށް މެޗުގެ އޮއިވަރު އަނބުރާލީ ނިމެން ދަނިކޮށެވެ. ޗެލްސީގެ ޖަރުމަނު ފޯވަޑް ޓިމޯ ވާނާ ވަނީ ރޭގެ މެޗުގައިވެސް ހުސް ފުރުސަތުތަކެއް ނަގާލައިފައެވެ. އެހެން ނަމަވެސް ރޭގެ މެޗުގެ ފަހުކޮޅުގައި ޗެލްސީން ޖެހި ދެ ގޯލްގައިވެސް ވާނާގެ ހިއްސާ ބޮޑެވެ.

ޓެމީ އަބްރަހަމްގެ ގޯލް މެޗުގެ ފަހު 20 ވަރަކަށް މިނެޓްގައި ފެނިފައިވާއިރު، ފަހު ކޮޅުގައި ކްރިސްޓިއަން ޕުލިސިޗަށް ލިބުނު ހުސް ފުރުސަތެއް އޭނާ ނަގާލިއެވެ.