ނިމިދިޔަ ޓްރާންސްފާ ސީޒަންގައި ބާސެލޯނާ ދޫކޮށްލަން އުޅެ، އެކަން ފެއިލްވުމުން މިހާރު ކްލަބުގައި ހުރި ނަމަވެސް ކުޅުމުގެ ފޯމަށް އަސަރުތަކެއް ކުރާ ކަމަށް ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
ނިމިދިޔަ ސީޒަނަށްފަހު މެސީ ވަނީ ބާސާ ދޫކޮށްލަން ރަސްމީކޮށް ސިޓީއަކުން އެދިފައެވެ. އޭރު ބާސާގައި ހުރި ރައީސް ޖޯސެފް ބާޓެމިއޯ އާއި މެސީއާ ދެމެދު މައްސަލަ ހޫނުވެ، ބަހުގެ ހަމަލާތައް ބަދަލުކޮށްފައިވާއިރު، މެސީ ވަނީ ބާސާ ދޫކޮށްލަން ހުރިހާ ތައްޔާރީތަކެއްވެސް ވެފައެވެ. ލަލީގާ މެދުވެރިވެގެން ގާނޫނީ ފިއްތުންތައް ކުރިމަތި ކުރުވައި ބާސާއިން މެސީ ހިފެހެއްޓީ މި ސީޒަނަށްފަހު މެސީ ބޭނުން ނަމަ، އޭނާއަށް ބާސާ ދޫކުރެވޭނެ ކަހަލަ އެއްބަސްވުމެއްގައެވެ.
މެސީއާ މައްސަލަ ގޯސްވެފައިވާ ރައީސް ބާޓެމިއޯ މިހާރު އިސްތިއުފާ ދީފައިވާއިރު، ކްލަބާ ވަގުތީ ގޮތުން ހަވާލުވެ ހުރި ކާލޯސް ޓަސްކުއެޓްސް ބުނެފައި ވަނީ އިގްތިސޯދީ ނަޒަރަކުން ބަލާނަމަ މެސީ މިދިޔަ ހޫނު މޫސުމުގައި ވިއްކާލަން ޖެހޭ ކަމަށެވެ.
މައްސަލަތަކާ ގުޅިގެން ސްޕެއިންގެ މީޑިއާއަކާ ވާހަކަ ދައްކަމުން މެސީ ބުނެފައި ވަނީ މިދިޔަ ސީޒަނަށްފަހު ކުރިމަތިވީ އުނދަގޫ ދުވަސްތަކެއް ކަމަށާއި، އޭގެ އަސަރު މި ސީޒަންގެ ކުޅުމަށް ކުރާ ކަމަށެވެ.
"މިދިޔަ ހޫނު މޫސުމުގައި އަހަންނަށް ވަރަށް އުނދަގޫ ދުވަސްތަކެއް ކުރިމަތި ވި. އެކަމަކު މިހާރު ރަނގަޅު. ތެދަށް ބުނާކަމަށްވާ ނަމަ މި ސީޒަނަށް އަހަރެން ނުކުތީވެސް އެ މާޔޫސް ކަމުގައި. އެކަމުގެ އަސަރު ކުޅުމަށްވެސް އެބަކުރޭ،" އުމުރުން 33 އަހަރުގެ މެސީ ސްޕެއިންގެ ޗެނަލެއް ކަމަށްވާ ލަ ސެކްޓާއަށް ބުނެފައިވެއެވެ.
ބާސާއިން ދަށް ފޯމެއްގައި ސީޒަން ފަށާފައިވާއިރު، މެސީ އަންނަނީ މަޑުމަޑުން ޓީމު ހަމައަކަށް އަޅުވަމުންނެވެ. އެންމެފަހުން ވެލެންސިއާ ދެކޮޅަށް ބާސާއިން ކުޅުނު މެޗުގައި މެސީ ޖެހި ގޯލާއެކު އޭނާ ޕެލޭގެ ޒަމާންވީ ރެކޯޑަކާ ހަމަކޮށްފައިވާއިރު، މި ސީޒަންގައި މެސީ ކުޅުނު 17 މެޗުން ޖަހާފައި ވަނީ ނުވަ ގޯލައެވެ.
ބާސާގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، ބަނގުރޫޓް ވިޔަނުދީ ހިފަހައްޓަމުން އަންނަނީ މުސާރަތައްވެސް ކުޑަކޮށްގެންނެވެ.
މެސީ ބުނެފައި ވަނީ ބާސާގެ ހާލަތު ގޯސް ކަމަށާއި، ބާސާގެ ވަށައިގެންވާ ހުރިހާ ކަމެއްގެ އަސަރު ކުޅުމުން ފެންނަ ކަމަށެވެ. އެހެންނަމަވެސް މިހާރު ހުރީ ކުރިއަށް އޮތް ޗެލެންޖަށް ތައްޔާރަށް ކަމަށާއި، ނަތީޖާ ނެރެވޭނެ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު