ދުނިޔޭގެ ބޮޑެތި ގައުމުތަކުން ޔޫކޭ އިން ފްލައިޓު އައުން މަނާކޮށްފިއެވެ.

ޔޫކޭއިން ކޮވިޑްގެ އާވައްތަރެއް ފެނުމާއެކު ދުނިޔޭގެ 27 ގައުމަކުން މިހާރުވަނީ އެގައުމުތަކަށް ޔޫކޭއިން ފްލައިޓު އައުން މަނާކޮށްފައެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެގައުމުން ކޮވިޑްގެ އާވައްތަރެއް ފެނިފައިވާކަމަށާއި އޭގެ ސަބަބުން ކޮވިޑް ފެތުރެމުންދާ ނިސްބަތް ހަލުވިވެފައިވާކަމަށް ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ވަނީ އެގައުމުގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުކަށިކޮށްފައެވެ. އަދި އިތުރަށް ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާ ކުރަމުން އަންނަކަމަށް ވެސް އެެގައުމުން ބުނެފައިވެއެވެ.

މިހާތަނަށް ޔޫކޭއިން އަންނަ ފްލައިޓުތައް މަނާކޮށްފައިވާ ގައުމުތަކަށް ބަލާއިރު ޔޫރަޕްގެ ގިނަ ގައުމުތައް ހިމެނެއެވެ. މީގެއިތުރުން މެދުއިރުމަތީގެ ގައުމުތަކާއި އޭޝިއާގެ ބައެއް ގައުމުތަކުންވެސް ޔޫކޭއިން އަންނަ ފްލައިޓުތައް ޖެއްސުން މަނާކޮށްފައެވެ.

އަވަށްޓެރި އިންޑިއާއިން ވެސް ވަނީ ޔޫކޭއިން އަންނަ ފްލައިޓުތައް ޖެއްސުން ވަގުތީ ގޮތުން މަނާކޮށްފައެވެ. އެގޮތުން ޔޫކޭއިން އަންނަ ހުރިހާ ފްލައިޓެއް މިއަހަރުގެ ނިޔަލަށް ސަސްޕެންޑު ކުރުމަށް އިންޑިއާއިން ވަނީ ނިންމައިއެވެ.