ސައޫދީ އަރަބިއްޔާ އިން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.
ސަފީރުކަމުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ސަފީރާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވައި ސަފީރުގެ ދައުރުގައި އެ ގުޅުންތައް އިތުރަށް ބަދަހިވެގެން ދިއުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި ވަކިން ހާއްސަކޮށް ގެދޮރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގެ ތަރައްގީއާ ގުޅޭގޮތުން މިއަހަރު ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް ރައީސް އަލިއަޅުއްވާލެއްވި އެވެ.
އޭގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މެދުކަނޑާލުމަށްފަހު ހައްޖާއި އުމްރާވުމުގެ ފުރުސަތު ސައުދީ ސަރުކާރުން އަލުން ހުޅުވައިލެއްވުމުން ރައީސް ވަނީ އެކަމަށް މަރުޙަބާ ވިދާޅުވެފަ އެވެ.
އޭގެ އިތުރުން ބައިނަލްއަގްވާމީ މަސްރަހުގައި، ވަކީން ހާއްސަކޮށް އިސްލާމީ ދުނިޔެ އާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ފޯރަމްތަކުގައި އެ ގައުމުން އަދާކުރަމުން އަންނަ އިސް ދައުރު ފާހަގަކުރައްވައި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން ގުޅިގެން ކުރަމުން އަންނަ މަސައްކަތްތައް އިތުރުކުރުމުގެ ޝައުގުވެރިކަން ރައީސް ސޯލިހު ވަނީ ފާޅުކުރައްވައިފަ އެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބުދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ރައީސް ވަނީ ހެޔޮއެދުންތައް ފޮނުއްވައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު