އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް)ގެ މަގާމުން ގ. އަރިސް/ މުސްއަބް އަބްދުﷲ ސަސްޕެންޑްކޮށް މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަނޑައަޅައި، އޭނާއަށް އެ މަގާމު ދިނުމަށާއި ބަދަލު ދިނުމަށް، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް އަމުރު ކުރާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މުސްހަބު ޕީއެސްގެ މަގާމުގައި ހުންނަވަނިކޮށް، އިސްލާމިކް މިނިސްޓްރީންނާއި އާންމު ބައެއް ފަރާތްތަކުން، އޭނާގެ މައްޗަށް ހުށަހެޅި މައްސަލަތަކެއް ބެލުމަށް އޭނާ އެ މަގާމުން ފުރަތަމަ ސަސްޕެންޑް ކުރީ 29 މެއި 2019 އިން ފެށިގެން 30 ދުވަހަށެވެ. އެއީ މުސާރަ ލިބޭ ގޮތަށެވެ. ނަަމަވެސް އޭނާގެ މައްޗަށް ބަަލަމުންދިޔަ މައްސަލައިގެ ތަހުގީގު ނުނިމޭތީ، ފުރަތަމަ ސަަސްޕެންޑް ކުރި މުއްދަތު ހަމަވި ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑް ކުރި އެވެ.

އެ މުއްދަތު ފާއިތުވެ ދިޔައިރު ވެސް އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލަތަކުގެ ތަހުގީގު ނިމިފައި ނުވާތީ، ތިން ފަހަރެއްގެ މަތިން އޭނާގެ ސަސްޕެންޝަންގެ މުއްދަތު އިތުރުކުރި އެވެ. އަދި އޭނާގެ މައްޗަށް މައްސަލަ ސާބިތުވުން، އޭނާ ވަޒީފާއިން ވަކިކުރީ ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.

މި މައްސަލައާ ގުޅިގެން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމާއި ޕީއެސް ކަމުން ވަކިކުރި މައްސަލައިގައި ވަޒީފާ އާއި ބަދަލު ހޯދުމަށް މުސްއަބު، ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުއްވިއެވެ. އޭނާ ކޯޓަށް މައްސަލަ ހުށަހަޅުއްވާފައިވަނީ، ވަޒީފާއިން ވަކި ކުރީ، ގާނޫނުއަސާސީ އާއި ކަމާގުޅުންހުރި ގާނޫނުތަކާއި ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި އެ ނިންމުން ބާތިލްކޮށްދިނުމަށާއި އޭނާ ވަޒީފާއިން ސަސްޕެންޑް ކުރުމަކީ ގާނޫނާއި ހިލާފު ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އޭގެ އިތުރުން އޭނާ އަދާކުރަމުންދިޔަ ޕާމަނަންޓް ސެކްރެޓަރީކަމުގެ ވަޒީފާ އަނބުރާ އިޔާދަ ކޮށްދިނުމަށާއި މުސާރަ ނުލިބޭ ގޮތަށް ވަޒީފާއިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިޔާދަކުރުމާ ހަމައަށް ވަޒީފާގައި ދެމިހުރިނަމަ ލިބޭނެ މުސާރަ އާއި އެންމެހައި އިނާޔަތްތައް ހޯދުމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒިފާ އަނބުރާ އިޔާދަކުރުމާއި ހަމައަށް ލިބެންޖެހޭ މުސާރަ އާއި އެލަވަންސްތަކާއި އިނާޔަތްތައް ހޯދުމަށާއި މުސާރަ ނުލިބޭ ގޮތަށް އޮފީހަށް ނުކުތުން މަނާ ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށާއި ގާނޫނާ ހިލާފަށް ވަޒީފާއިން ވަކި ކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ގާނޫނީ ވަކީލެއްގެ އެހީތެރިކަމާއެކު މައްސަލައިގައި ކުރިއަށްދާން ޖެހުމުން ހަރަދު ކުރަންޖެހުނު އެންމެހައި ފައިސާ ހޯދައިދިނުމަށް ސިވިލް ސާވިސްގެ މައްޗަށް އަމުރު ކޮށްދިނުމަށް މުސްއަބު ހުށަހެޅި މައްސަލައިގައި އެދިފައިވެ އެވެ.

އެ މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ، އެކަންކަން ކޮށްދިނުމަށް ސިވިލް ސާވިސް ކޮމިޝަނަށް އަންގައި އަމުރުކުރާނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތް ކަމަށް ކަނޑައަޅައި ހުކުމްކޮށްފިން ކަމަށެވެ.