ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި އެއިބާ ބަލިކޮށް، ލީގުގެ ދެވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗު ރެއާލްއިން 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެ މެޗުން މޮޅުވެ ރެއާލް ވަނީ ލީގުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. ގޯލް ގެ ތަފާތުން އެތުލެޓިކޯ އެއްވަނައިގައި އޮތްއިރު، ރެއާލްއިން 29 ޕޮއިންޓް ހޯދާފައި ވަނީ 14 މެޗު ކުޅެގެންނެއެވެ. އެއީ އެތުލެޓިކޯއަށްވުރެ ދެމެޗު އިތުރު އަދަދެކެވެ.

ރޭގެ މެޗުގައި ރެއާލްއަށް ގޯލް ހުޅުވައިލަ ދިނީ ކަރިމް ބެންޒެމާއެވެ. މެޗުގެ ކުރީކޮޅުގައި ބެންޒެމާ ގޯލް ޖަހާފައިވާއިރު، އެ ގޯލަކީ މި ސީޒަންގެ ލީގުގައި ބެންޒެމާ ޖެހި ހަތްވަނަ ގޯލެވެ. މެޗުގެ 13 ވަނަ މިނެޓްގައި ރެއާލްއިން ލީޑު ފުޅާވެސް ކުރިއެވެ. ފުރަތަމަ ގޯލް ޖެހި ބެންޒެމާ ފަހިކޮށްދިން ފުރުސަތެއްގައި މި ގޯލް ޖެހީ ލޫކާ މޮޑްރިޗެވެ.

ރެއާލްއިން ދެ ގޯލް ޖަހާފައި ވަނިކޮށް ދެން ފެނުނީ އެއިބާގެ ގޯލެކެވެ. އެއިބާގެ ކެޕްޓަން ކިކޭ ގާސިއާގެ ހިތްގައިމު ގޯލާއެކު އެއިބާއިން އުންމީދު އާކުރިއިރު، ދެވަނަ ހާފްގައި ފެނުނީ ޓަފް ކުޅުމެވެ. ދެޓީމުގެ ފަރާތުންވެސް ފިޒިކަލް ގޭމެއް ފެނިގެން ގޮސްފައިވާއިރު، ރެއާލްއިން މެޗުން ތިން ޕޮއިންޓް ޔަގީންކުރީ ފަހު މިނެޓް ލޫކަސް ވަޒްކުއޭޒް ޖެހި ގޯލާއެކުގައެވެ.

އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް ރެއާލް މޮޅުވެފައި ވާއިރު، ކޯޗު ޒައިނުއްދީން ޒިދާން ވަނީ ދަށްކޮށް ފެށުނު ސީޒަން އަނބުރާލައި ރެއާލް ފޯމަކަށް އަޅުވާފައެވެ. ހާއްސަކޮށް ރެއާލްގެ ހުރިހާ ޑިޕާޓްމެންޓަކުން ކަހަލަ ގޮތަކަށް މިހާރު އަންނަނީ ރަނގަޅު ރޫހެއްގައި ކުޅެމުންނެވެ.