ރާއްޖޭގައި ސިޒޭރިން ހަދާ އަދަދު ގިނަވާތީ ނާސިން ކޯސް ފުރިހަމަކުރުމުގައި މިޑްވައިފެރީ ނުވަތަ ފޫޅުމާ ކޮމްޕޯނެންޓް ލާޒިމުކުރަން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ، ރާއްޖޭގައި ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި ނަރުހުން ވަޒީފާގެ މާހައުލުގައި ދެމެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކާއި އަދި އެ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ނައިބު ވަނީ ނާސިން ކައުންސިލަށް އަލަށް ހޮވިވަޑައިގެންނެވި މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. ނައިބު ރައީސް ވިދާޅުވީ، ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި ކޮވިޑްގެ ސަބަބުން އެކަނިވެސް ސިއްހީ ދާއިރާއިން މީހުން ބިނާކުރުމުގެ މުހިންމުކަން އިތުރަށް ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި، ނަރުހުން ތަމްރީނުކުރުމުގައި ދިމާވާ ދަތިތަކާއި ތަމްރީނުތައް ފުރިހަމަކުރުމަށްފަހު ވަޒީފާގެ މާހައުލަށް ނުކުންނަ ނަރުހުންގެ އަދަދު މަދުކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރައްވާފައިވާ ކަމަށެވެ. އަދި ނާސިން ކޯހަށް ދަރިވަރުން ލިބުނު ނަމަވެސް ކޯސް ފުރިހަމަކުރުމަށްފަހު ވަޒީފާގެ މާހާއުލަށް ނުކުންނަ މީހުންގެ އަދަދު ދިރާސާތައް ދައްކާގޮތުން މަދުވާކަމަށް ބެލެވޭ މައިގަނޑު ސަބަބަކަށް ވެފައި ވަނީ ދިވެހިންނާއި ބިދޭސީންގެ މުސާރައާއި އެލަވަންސްތަކުގެ ފަރަގު އިތުރުވުންކަމުގައިވެސް ބައިވެރިން ފާހަގަކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ރާއްޖޭގައި ސިޒޭރިއަންގެ ހަދާ އަދަދު ގިނަކަން ފާހަގަކުރައްވައި ނާސިން ކޯސް ފުރިހަމަކުރުމުގައި މިޑްވައިފެރީ ކޮމްޕޯނެންޓް ކުރިއެކޭ އެއްގޮތަށް ލާޒިމުކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވައިފައެވެ.

މިއަދުގެ ބައްދަލުވުމުގައި، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ، ޑރ. މުސްތަފާ ލުތުފީއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ އާއިޝަތު ނަޒްހަތާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓަރީ ޑރ. އަބްދުލްމަލިކްގެ އިތުރުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އިސް ބޭފުޅުންނާއި ނާސިން ކައުންސިލްގެ މެންބަރުންނާއި ކައުންސިލްގެ ރެޖިސްޓްރާ ބައިވެރިވެވަޑައިގެންނެވިއެވެ.