ޚަބަރު

ރައީސް ޔާމީންގެ އަމުރަށް ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރެއް ނުކުރޭ: ޑރ. ދީދީ

ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ޑރ. ދީދީ މިހެން ވިދާޅުވީ، ރައީސް ޔާމީންގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ދެ ފަނޑިޔާރުން ހައްޔަރުކުރި މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެ ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

ޑރ. ދީދީ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރުކުރި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.

"ބަލަންޖެހޭ ހަގީގީ މައްސަލައަކީ ގާއިމުވެ އޮތް ލެޖިޓިމެޓް ސަރުކާރު ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވި ކަމަށް ތުހުމަތު ކުރެވުނު/ކުރެވޭ ފަރާތްތަކުގެ މައްސަލަ،" ދީދީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭރު ޖަލަށްލާފައި ތިބި ހުރިހާ ސިޔާސީ އިސްވެރިންތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.

އެގޮތުން އެ އަމުރަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެ އަމުރަކީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ރިޝްވަތު ނަންގައިވައިގެން ކުރެއްވި އަމުރެއް ކަމަށް ބުނެ ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިފައިން ލައްވާ އެ ދެ ފަނޑިޔާރުން ހައްޔަރުކުރި އެވެ.

އެއަށްފަހު ދެން އުއްތަމަ ފަނޑިޔާރު ކަމަށް ވަޑައިގެންނެވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.