ކުރީގެ ކޯސްޓްގާޑު ބިލްޑިން ހުރި އިމާރާތުުގައި ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމުގެ އަމުރަކަށް އެދި އެސްޖޭ ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ހައިކޯޓުން ވެސް ހުކުމް ކޮށްފި އެވެ.
އެސްޖޭގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، އެ އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 19 ނޮވެމްބަރު 2019 ގައި ފިނޭންސް މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން، އެ އިމާރާތުގެ މަސައްކަތް ކޮށްދިނުމަށް އެންމެ ހެޔޮއަގެއްގެ ގޮތުގައި 69 މިލިއަން ރުފިޔާ އެކުންފުނިން ހުށަހަޅާފައި ވަނިކޮށް، އެއަށްވުރެ 5.5 މިލިއަން ރުފިޔާ ބޮޑުކޮށް އަގު ހުށަހެޅި ރެއިންބޯ އަށް ބިޑް ކާމިޔާބުވެ، މަސައްކަތް ހަވާލު ކުރި މައްސަލައިގައެވެ.
އެގޮތުން އެ މައްސަލައިގައި ނިހާއީ ހުކުމަކަށް ވާސިލްވަންދެން އެ އިމާރާތުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމުގެ އަމުރެއް ފިނޭންސް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ނޭޝަނަލް ޓެންޑާ ބޯޑާއި ޑިފެންސް މިނިސްޓްރީގެ މައްޗަށް ނެރެދިނުމަށް އެސްޖޭ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައިވެ އެވެ.
އެ މައްސަލައާ ގުޅިގެން މިއަހަރުގެ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 19 ނޮވެމްބަރު 2019 ގައި ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް އިވެލުއޭޓް ކުރުމާއި އަދި ބިޑު އެވޯޑްކުރުމުގެ މަސައްކަތް މަޑުޖައްސާލައި، އެކަމާ ގުޅިގެން އިތުރު އެއްވެސް މަސައްކަތެއް ނުކުރުމަށް ފިނޭންސް މިނިސްޓްރީ އަދި އެ މިނިސްޓްރީގެ ނޭޝަނަލް ޓެންޑާ ބޯޑުގެ މައްޗަށް އަމުރު ކޮށްދިނުމަށާއި އަދި އެ އިއުލާނުގައިވާ ޑިފެންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތް އެއްވެސް ފަރާތަކާ ހަވާލުކުރުމަށްޓަކައި އެއްވެސް އެއްބަސްވުމެއްގައި ސޮއިކުރުން ނުވަތަ އެނޫން ވެސް އެއްވެސް އެފަދަ ފިޔަވަޅެއް ނޭޅުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރު އެ ފަރާތްތަކުގެ މައްޗަށް ނެރެދެވެން ނެތް ކަމަށެވެ.
ސިވިލް ކޯޓުގެ އެ ހުކުމާ ގުޅިގެން އެސްޖޭ އިން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރި އެވެ.
އެ މައްސަލަ ހައިކޯޓުން ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު އިއްވި ހުކުމުގައި ބުނެފައިވަނީ، ސިވިލް ކޯޓުން، ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފު ކުރުމަށް އެސްޖޭގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ރިއާޔަތްކޮށް، އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް އެ ގަޒިއްޔާ، ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ކަނޑައަޅާފައިވާ ކަމަށެވެ.
މި މައްސަލައިގައި ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ، ސިފައިންގެ އާ އިމާރާތުގެ މަސައްކަތް ކޮށްދިނުމަށް އެންމެ ހެޔޮއަގެއްގެ ގޮތުގައި އެސްޖޭ އިން 69 މިލިއަން ރުފިޔާ ހުށަހަޅާފައި ވަނިކޮށް، އެއަށްވުރެ 5.5 މިލިއަން ރުފިޔާ ބޮޑުކޮށް އަގު ހުށަހަޅާފައިވާ ކުންފުންޏަކަށް ބިޑު ކާމިޔާބުވެ، މަސައްކަތް ހަވާލުކުރީ އެސްޖޭގެ ޝަރުތު ފުރިހަމަނުވާތީ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފިނޭންސް މިނިސްޓްރީން މީގެ ކުރިން ހާމަކުރި ޓެންޑާ ބޯޑުގެ "ސަމަރީ އޮފް ޕްރޮކިއުމަންޓް އެވޯޑް"ގައިވާ ގޮތުން އެ މަސައްކަތަށް 12 ކުންފުންޏަކުން ބިޑު ކުރި އެވެ. އޭގެ ތެރެއިން އެންމެ ހެޔޮ އަގު ހުށަހެޅި އެސްޖޭއިން 457 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ އަގަކީ 69 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ހެޔޮ އަގު ހުށަހެޅި ރެއިންބޯ އިން 618 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމުމަށް ހުށަހަޅާފައިވާ އަގަކީ 74.5 މިލިއަން ރުފިޔާ އެވެ.
އެ މަަސައްކަތުގެ ބިޑު ރެއިންބޯއަށް ކާމިޔާބުވީ މިއަހަރުގެ އޭޕްރީލް މަހު އިއުލާންކޮށްފައިވާ، ޓެންޑާ ބޯޑު މެދުވެރިކޮށް އިމާރާތް ކުރުމުގެ މަސައްކަތް އެވޯޑު ކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުގެ ދަށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީިން ބުންޏެވެ. އެ އުސޫލުގައި އެފަދަ މަސައްކަތްތަައް ހަވާލުކުރާ ކުންފުނިތައް ވަނީ ހަތް ކެޓަގަރީއަކަށް ބަހާލައިފައެވެ.
އޭގެ ތެރެއިން ފުރަތަމަ ކެޓަގަރީ ނުވަތަ ގްރޭޑް އެކެއްގައި ހިމެނޭ ކުންފުނިތަކަށް އެންމެ ގިނަ އަދަދަކަށް އެއް ފަހަރާ ހަވާލު ކުރެވޭނީ ފައިސާގެ ގޮތުން 300 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ އަދަދެއްގެ ޕްރޮޖެކްޓެވެ. އެންމެ ގިނަ ޕްރޮޖެކްޓްގެ ގޮތުގައި އެއް ފަހަރާ އެ ކެޓަގަރީގެ ކުންފުނިތަކަށް ކުރިއަށް ގެންދެވޭނީ އަށް ޕްރޮޖެކްޓެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުން، އެސްޖޭ އަކީ އެއްވަނަ ގްރޭޑުގައި ހިމެނޭ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ މަސައްކަތްތަކުގެ ގޮތުގައި އޭރުވެސް 310 މިލިއަން ރުފިޔާގެ ޕްރޮޖެކްޓް ހަވާލުކުރެވިފައި ހުރި ކަމަށާއި އެއީ 11 ޕްރޮޖެކްޓެއްގެ މަސައްކަތް ކަމަށް ބުންޏެވެ. އެ ޕްރޮޖެކްޓަކަކީ އުސޫލު އައުމުގެ ކުރީން ލިބިފައިހުރި ޕްރޮޖެކްޓުތައް ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު