ރާއްޖޭގައި ކޮވިޑް 19ގެ ވެކްސިން ޖަހަން ފަށާނީ އެއްފަހަރާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މިއަދު "ވަން"އަށް ވިދާޅުވީ ވެކްސިން ލިބޭ ވަރަކުން ހުރިހާ ރައްޔިތުންނަށްވެސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވަކިވަކިން ޖެހުމުގެ ބަދަލުގައި ލިބޭ ވަރަަކުން މުޅި ރާއްޖެއަށް ބަހާލައިގެން އެއްފަހަރާ ވެކްސިން ޖެހުމަށް މިހާތަނަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ތަސްލީމާ ވިދާޅުވީ އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ސީދާ ދަންނަވާކަށް ނޭނގެ މިވެނި ދުވަހެއްގައި ވެކްސިން ޖަހައި ނިމޭނެއޭ. އެއީ ވެކްސިން ލިބޭ ވަރަކުން އަޅުގަނޑުމެންނަށް ވެކްސިން ޖެހޭނީ. އެއްފަހަރާ އެއްވަގުތެއްގައެއް ނޫން ފަށާނީ. އެކަމަކު މުޅި ރާއްޖެއަށް އެއްފަހަރާ ވެކްސިން ފޯރުކޮށްދޭ ގޮތަށް އަދި ނިންމާފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ މީގެ ކުރިން ވިދާޅުވީ ރާއްޖެއަށް ގެންނާނީ ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ގަބޫލުކުރާ ވެކްސިންތައް ކަމަށެވެ. ވެކްސިން ޖަހާނެ ވަކި އުމުރުފުރާތައް އަދި ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އެކަންކަން ފަހުން އިއުލާންކުރާނެ ކަމަށެވެ.
މުހައްމަދު އަލީ ވިދާޅުވީ ފުރަތަމަ ފޭސްގައި ވެކްސިން ދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ހައިރިސްކް މީހުންނަށް ކަމަށެވެ. އެގޮތުން ވެކްސިން ލިބޭ މިންވަރަށް ބަލައި، ވެކްސިން ދެމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ އޭގެ އިތުރަށް އެންމެ އަވަހަށް ޖަހަން ޖެހޭ މީހުންގެ ކެޓަގަރީތަކެއް ކަނޑައަޅައި އެކަންކަމުގެ އިންތިޒާމުތައް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ވަކި ވައްތަރެއްގެ ވެކްސިނަކަށް ރާއްޖެއިން އިންތިޒާރު ކުރަމުން ނުދާ ކަމަށާއި އެންމެ އަވަހަށް ލިބޭ ވެކްސިނެއް ދޭން ފަށާނެ ކަމަށެވެ. ރާއްޖެއަށް ވެކްސިން ލިބޭނެ ދުވަހެއް މިހާތަނަށް ރަސްމީކޮށް އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެ އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް މީގެ ކުރިން ވިދާޅުވީ ކޮވިޑް ވެކްސިން ޖަހާ އެހެން ގައުމުތަކުންވެސް ފާހަގަކުރެވޭ ކަންކަން ރާއްޖެއާ ހިއްސާ ކުރަމުން އަންނަ ކަމަށާއި އެހެންކަމުން މި ވެކްސިންގެ ސަބަބުން އެއްވެސް ސައިޑްއިފެކްޓެއް ކުރިމަތިވޭތޯ ބެލުމަށް އެ ވެކްސިން ޖަހާ މީހުން އެއް އަހަރު ވަންދެން މޮނީޓާ ކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ވެކްސިން ޖަހަން ޝަރުތު ހަމަވާ ހުރިހާ މީހުންނަށްވެސް ވެކްސިން ދޭނެ ކަމަށެވެ.
ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކުގައި މިހާރުވެސް ވަނީ ކޮވިޑް 19 ވެކްސިން ބޭނުންކުރަން ފަށައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު