ގެއްލިގެން ހޯދަމުންދަނިކޮށް އަމިއްލައަށް ގެއަށް ދިޔަ އަންހެން މީހާ ރަހީނުކޮށް ބިރުދައްކައިގެން އޭނާ އަތުން ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކޮށްފައިވާ އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
ވީނުވީއެއް ނޭނގި ގެއްލިގެން، އާއިލާ އާއި ފުލުހުން ހޯދަމުން ދަނިކޮށް ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ގެއަށް ގޮސްފައިވަނީ އަމިއްލައަށެވެ. އޭނާ ރަހީނު ކުރުމަށްފަހު މަރާލާނެ ކަމަށް ބުނެ ބިރު ދައްކައިގެން އޭނާގެ އަތުން ވަނީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފަ އެވެ. އަދި އޭނާއަށް ވަނީ ބޮޑެތި އަނިޔާތަކެއްވެސް ކޮށްފަ އެވެ. މި މައްސަލައިގައި ފުލުހުން ވަނީ 31 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ކުޑަކުއްޖާ ޝަރުތުތަކަކާއެކު މިމަހުގެ 14 ވަނަ ދުވަހު ކޯޓުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް 31 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އިއްޔެ ކުރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ.
ޝިރުމީނާގެ އާއިލާއިން މީގެ ކުރިން ބުނެފައިވަނީ އޭނާ ރަހީނުކޮށްފައިވަނީ ފިހާރައަށް މުދާ ގަތުމަށް ބޭރުގައި އުޅެނިކޮށް ކަމަށެވެ. އަދި ރަހީނުކުރުމަށްފަހު 25،000 ރުފިޔާ އޭނާގެ އަތުން ފޭރިގެންފައިވާ ކަމަށާއި އޭގެ އިތުރަށްވެސް އޭނާއަށް ބޮޑެތި އަނިޔާކޮށްފައިވާ ކަމަށެވެ. މި އަނިޔާތަކަށް އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާވެސް ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު