އައްޑޫ ސިޓީގައި ހިންގަމުން އަންނަ ފްލައިން ސްކޫލް، އޭޝިއަން އެކެޑެމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ)ގައި ޕައިލެޓްކަން ކިޔަވަމުން އަންނަ ދަރިވަރުންތަކެއް ވަކިކުރުމަށް ނިންމި ނިންމުން ބަދަލުކުރަން އަންގައިފިއެވެ.

މިހާތަނަށް 15 ދަރިވަރަކަށް ވަނީ ވަކި ކުރުމުގެ ނޯޓިސްދީފައެވެ. އޭއޭއޭގެ މައްސަލައާ ގުޅިގެން ހަޔާ އެޑިއުކޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބައްދަލުކޮށް، ހައްލު ހޯދުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުން މަޝްވަރާކުރުމަށްފަހު ގޮތްތަކެއް ނިންމައިފައެވެ.

ހަޔާ އެޑިއުކޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ނެރެފައިވާ ބަޔާނުގައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ދަރިވަރުންގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅިގެން ހިންގި އޮޑިޓްތަކާއި ތަހުގީގުތަކުގެ އަލީގައި ހައްލުތައް ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށާއި އެގޮތުން ސެޕްޓެމްބަރު މަހުގެ އޮޑިޓަށްފަހު އިތުރު އެއްވެސް ދަރިވަރަކު ކޯސްތަކުގައި އެންރޯލް ނުކުރުމަށް އަންގާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މި އެންގުމާ ހިލާފަށް އިތުރު އެއްވެސް ދަރިވަރަކަށް އެޑްމިޝަން ދީފައިނުވާ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށްވެސް ބުނެފައިވެއެވެ.

ބަޔާނުގައި ވަނީ ސްކޫލުގެ ކޯސްތަކަށް ބިދޭސީ ދަރިވަރުންނަށް އެޑްމިޝަން ދިނުން މިހާރު މަނާކޮށްފައިވާ ކަމަށާއި ބިދޭސީ ދަރިވަރުން އެޑްމިޓް ކުރުމުގެ ހުއްދަ ދިނުމާއެކު އެކަން ހަޔާ އެޑިއުކޭޝަންގެ ފަރާތުން އިމިގްރޭޝަނަށް އަންގާނެ ކަމަށެވެ.

މަތިންދާ ބޯޓުތަކާއި މެއިންޓެނަންސް ދާއިރާއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޯޓުތަކާ ގުޅޭގޮތުން ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި އެގޮތުން ސްކޫލުގެ މަތިންދާ ބޯޓުތައް ބޭނުންކޮށްގެން ހިންގިދާނޭ އިތުރު އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިއުމަށް އަންގާފައިވާ ކަމަށެވެ. އަދި މެއިންޓެނަންސް ދާއިރާގެ ގަވާއިދުތަކާ ހިލާފުވެފައިވާތީ އޮތޯރިޓީގެ އެންފޯސްމަންޓް މެނުއަލްއާ އެއްގޮތްވާ ގޮތުގެ މަތީން ޖޫރިމަނާ ކޮށްފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ އެކަށީގެންވާ ޓައިމްލައިނެއްގައި މަތިންދާ ބޯޓުތައް ސާވިސަބަލް ނުކުރެވޭ ހާލަތެއް ދިމާވެއްޖެނަމަ، ދަރިވަރުންގެ ތަމްރީނުތަކަށް ބޭނުންވާ މިންވަރަށް ސްކޫލުގެ ފަރާތުން ޓެމްޕަރަރީ ލީޒްކޮށްގެން ނުވަތަ އެހެން އިންތިޒާމެއްގެ ދަށުން "ކޮމްޕްލެކްސް" މަތިންދާ ބޯޓު ހަމަޖައްސަންޖެހޭނެ ކަމަށެވެ.

"މިހާތަނަށް ވަކި ކުރުމަށް ނޯޓިސް ދީފައިވާ ހުރިހާ ދަރިވަރުންގެ ނޯޓިސް ބާތިލުކުރުމަށް ވާނީ އަންގާފައި. މިގޮތަށް ސްކޫލުން އަމަލުކޮށްފައި ނުވާނަމަ އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓުކުރުމަށް އިލްތިމާސް ކުރަން. މިދެންނެވި ގޮތަށް ހުށަހަޅާ ހުރިހާ ރިޕޯޓެއް ބަލާނެކަމުގެ ޔަގީންކަން އަރުވަން." ބަޔާނުގައިވެއެވެ.

"ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކުގެ ޕްރިލިމިނަރީ އެސެސްމެންޓަށް ރިއާޔަތްކުރާއިރު ހުރިހާ ދަރިވަރުންނަށް އެންމެ އިންސާފުވެރި ގޮތަކީ، ކޮންމެ ދަރިވަރެއްގެ ކޭސްވެސް ވަކިވަކީން ބަލައި، ކޮންމެ ދަރިވަރަކަށްވެސް ދިމާވެފައިވާ މައްސަލަތަކުގެ ހާލަތާއި ދަރަޖަ ދެނެގަނެ، އެކުއްޖެއްގެ ހާލަތާ ގުޅޭ ހައްލުތައް ހޯދައިދެމުން ގެންދިއުން،"

ބަޔާނުގައި ވަނީ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނެގުމަކީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ކަމެއް ނޫން ކަމަށާއި އެހެންކަމުން ރާއްޖޭގެ ކަމާބެހޭ ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރުމަށް ސްކޫލަށް އަންގާފައިވާ ކަމަށެވެ. އަދި ދަރިވަރުންގެ ތަމްރީނުތައް ޝެޑިއުލްކުރެވެމުންދާ ގޮތާއި ތާވަލު އާންމުކޮށް ފެންނަން ހުންނާނޭ ގޮތަށް ޕަބްލިޝް ކުރުމަށްވެސް ވާނީ އަންގައިފައެވެ.

"މިގޮތުން ދަރިވަރުންގެ ގައުމާއި ނަސްލުގެ ސަބަބުން ތަފާތުކުރުން ގެންގުޅޭ ނަމަ، އެކަން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް ރިޕޯޓުކުރަމުން ގެންދިއުމަށް ދަރިވަރުންނަށް އިލްތިމާސް ކުރަން. އެއީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަންކަމުގައި ފިޔަވަޅު އަޅަން ޖެހޭނީ ވަކި އިޖުރާއަތުތަކެއް ފުރިހަމަކުރުމާއެކު އޮބްޖެކްޓިވް އެވިޑެންސްގެ މައްޗަށް ބިނާކޮށްކަމުގައި ވާތީ،" ބަޔާނުގައިވެއެވެ.

އޮތޯރިޓީގެ އެންގުންތަކާ އެއްގޮތަށް ސްކޫލުގެ ފަރާތުން އަމަލު ކުރޭތޯ ކޮންމެ ދުވަހަކުވެސް ބެލުމަށްޓަކައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިންސްޕެކްޓަރަކު ސްކޫލުގައި މަޑުކުރާ ގޮތަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑެއިލީ ސްޓޭޓަސް އަޕްޑޭޓް ދުވަހުން ދުވަހަށް އޮތޯރިޓީއަށް އަންގަމުންދާނެ ކަމަށާއި ދަރިވަރުންގެ މައްސަލަތައް ހައްލުކުރަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށް ވަނީ ލޯނު ފުރުސަތުގެ ދަށުން މިވަގުތު ފްލައިން ސްކޫލުގައި ކިޔަވާ ދަރިވަރުންގެ ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު ކޯސް ނިމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިމޭ ތާރީހުން ފެށިގެން ހަ މަސް ދުވަހަށް ހަޔާ އެޑިއުކޭޝަނުން ފަސްކޮށްދީފައިވާ ކަމަށެވެ.