ގާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިއޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި މަނީލޯންޑަރިންގެ މައްސަލަ ސާބިތުވެ، ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ އިތުރަށް އެމަނިކުފާނުގެ މައްޗަށް ދައުލަތުން އިތުރަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.

އެ ދެ މައްސަލައިގެ ޝަރީއަތް އެންމެ ފަހުން ބާއްވާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހުއެވެ. އެދުވަހުގެ ޝަރީއަތް ނިންމާލާފައިވަނީ ރައީސް ޔާމީން އަޑު އައްސަވަން ބޭނުންފުޅުވާ ސީޑީތައް އަޑުއެއްސެވުމަށާއި އިތުރު ލިޔެކިޔުންތައް ބެލުމަށް ވަކީލުންނާއެކު ރައީސް ޔާމީނަށް ފުރުސަތު ހަމަޖައްސައި ދިނުމަށް ދައުލަތަށް އަންގެމަށްފަހުއެވެ.

އެ ޝަރީއަތަށްފަހު ރައީސް ޔާމީނާއި ވަކީލުން ބައްދަލުވެވޭނީ ޕީސީއާރު ޓެސްޓު ހަދައިގެން ކަމަށް ކަމަށް ހޯމް މިނިސްޓްރީން އަންގާފައިވެއެވެ.

އެ ޝަރީއަތަށްފަހު މިއަދު ވަނީ ރައީސް ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމު ފުރަތަމަ ފަހަރަށް ބައްދަލުކުރައްވައިފައެވެ. ބައްދަލުވުމަށްފަހު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނީ ވަކީލުންނާ ބައްދަލުވުންވެސް ރައީސް ޔާމީނަށް މިހާރު އޮތީ ހަނގުރާމައެއް ކުރުން ފަދަ ކަމަކަށްވެފައި ކަމަށެވެ.

"މި މަހު 6 ގައި ކޯޓް އަޑުއެހުމަށްފަހު ސަރުކާރުން ކުރިމަތިކުރި ޣައިރުގާނޫނީ ހުރަސްތަކަށްފަހު މިއަދު ވަނީ އަލުން ބައްދަލުވުންތައް ފެށިފައި. މިވަރު ވީމާ ޑިމޮކްރެސީގެ ނަމަށްވެސް ހުތުރު،" ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ހޯމް މިނިސްޓްރީ އިސްވެ ހުރަސް އަޅަމުންދާކަމަށް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.