ފެއާ މާކެޓާ ކުޅުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބޭގޮތަށް ޖީއެސްޓީ ގަވާއިދަށް ބަދަލު ގެނަސްފައިވަނީ ގާނޫނުއަސާސީ އާއި ޓެކްސް ނެގުމުގެ ގާނޫނާ ހިލާފަށް ކަމަށްބުނެ، އެ ގަވާއިދުގެ 30 ވަނަ މާއްދާއަށް އިސްލާހު ގެނައި ދުވަހުން ފެށިގެން އެ މާއްދާ އުވައިލުމަށް ސީޓީއެލް ސްޓްރެޓަޖީސްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައަށް ޖަވާބު ދިނުމަށް އެޓާނީ ޖެނެރަލް (އޭޖީ)އަށް 10 ދުވަހުގެ ފުރުސަތެއް ދީފިއެވެ.
ޖީއެސްޓީގެ ގަވާއިދުގެ 30 ވަނަ މާއްދާއަށް މީރާއިން އެ އިސްލާހު ގެނެސްފައިވަނީ، 29 ފެބްރުއަރީ 2016 ގައެވެ.
މި މާއްދާ އުވައިލުމަށް ސީޓީއެލް ސްޓްރެޓަޖީސްގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހަޅުއްވަމުން އެ ފަރާތުގެ ގާނޫނީ ވަކީލު ފަތުހުﷲ އިސްމާއީލް ވިދާޅުވީ، ގަވާއިދުގެ 30 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހަކީ ޖީއެސްޓީ ގާނޫނުގެ 19 ވަނަ މާއްދާއާ ވެސް ހިލާފު މާއްދާއެއް ކަމަށާއި އެއީ އެ ގާނޫނުގެ ދަށުން މީރާއަށް ލިބޭ ބާރުގެ ބޭރުން ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އަދި އެ އިސްލާހަކީ ގާނޫނުއަސާސީގެ 271 ވަނަ މާއްދާ އާއި 274 ވަނަ މާއްދާ އާއި 61 ވަނަ މާއްދާ އާއި 94 ވަނަ މާއްދާއާ ހިލާފު އިސްލާހެއް ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުން ނިންމާފައިވާ، މުހައްމަދު ނައީމު ވާސަސް ދައުލަތް މައްސަލަ އާއި ހައިކޯޓުން ނިންމާފައިވާ އަލިޝާހު ވާސަސް ދައުލަތް މައްސަލަ އާއި އިބްރާހިމް ޒަހީނު ވާސަސް ދިވެހި ދައުލަތް މައްސަލަ އާއި، ރައީފު އަބުދުލްވައްހާބު އަދި އެހެން ފަރާތެއް ވާސަސް އެޓާނީ ޖެނަރަލް މައްސަލައިގައި ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފު އިސްލާހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ގަވާއިދުގައި އެ މާއްދާ ހިމެނި ތާރީހުން ފެށިގެން އޭގެ މައްޗަށް އަމަލުކުރަން ނުޖެހޭ ބާތިލު މާއްދާއެއް ކަމަށް ކަނޑައަޅައިދިނުމަށް އެ ފަރާތުން ވަނީ ހައިކޯޓުގައި އެދިފައެވެ.
މައްސަލައިގެ ތަފްސީލުދެއްވަމުން ވަކީލު ފަތުހުﷲ އިސްމާއީލް ވިދާޅުވީ، ޖީއެސްޓީ ގާނޫނުގެ 19 ވަނަ މާއްދާއިން މީރާއަށް ލިބެނީ ހަތަރު މުއާމަލާތަކަށް އަގު ކަނޑައެޅުމުގެ ބާރު ކަމަށެވެ. އެގޮތުން ގުޅުން ނެތް ދެފަރާތުގެ ދެމެދުގައި ވިއްކާ މުދަލެއްގެ އަގު ކަނޑައެޅުމުގެ ބާރު ގާނޫނުން މީރާއަށް ލިބިދީފައި ނުވާ އިރު، ޖީއެސްޓީ ގަވާއިދުގެ 30 ވަނަ މާއްދާއަށް ބަދަލު ގެނެސް، ގާނޫނުގެ ބޭރުން އެ ބާރު މީރާއިިން ނަގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މީރާއަށް ގާނޫނުން ބާރު ލިބެނީ، ގުޅުން ހުރި ދެ ފަރާތުގެ ދެމެދުގައި ވިއްކާ މުދަލެއްގެ އަގު ކަނޑައެޅުމުގެ ބާރު ކަމަށެވެ.
އެ ކަންތަކުގެ މިސާލު ދެއްވަމުން ވަކީލު ފަތުހުﷲ ވިދާޅުވީ، އޭނާއަކީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވެފައި، އޭނާގެ އަތުގައި އޮތް އިންޖީނެއް 50،000 ރުފިޔާއަށް އޭނާގެ ބޭބެއަށް ވިއްކައިލުމަށްފަހު، ހަ ޕަސެންޓުގެ ޖީއެސްޓީއަށްވާ 3000 ރުފިޔާ މީރާއަށް ދައްކައިފިނަމަ، އެއީ މާކެޓުގައި ހުރި އަގުނޫން ކަމަށްބުނެ، އަދި އެއީ އެ އިންޖީނުގެ ހަމައަގު ނޫން ކަމަށް ކަނޑައަޅައި، އޭގެ އަގު ބޮޑުކުރުމުގެ ބާރު ގާނޫނުން މީރާއަށް ލިބިދޭ ކަމަށެވެ. އެއީ އެ ދެފަރާތަކީވެސް ގުޅުންއޮތް ދެ ފަރާތަށްވާތީއެވެ.
ނަމަވެސް އެމްޓީސީސީއަކީ އެކި ފަރާތްތަކަށް އިންޖީނު ވިއްކާ ފަރާތަކަށްވާ އިރު، އެ ކުންފުނިން އިންޖީނު ވިއްކާފައި މީރާއަށް ޖީއެސްޓީ ދެއްކުމުން އެއީ މާކެޓް އަގުގައި ވިއްކި އެއްޗެއް ނޫން ކަމަށް ކަނޑައަޅައި އޭގެ އަގު ބޮޑުކުރުމުގެ ބާރު މީރާއަށް ގާނޫނުން ލިބިދީފައި ނުވާ ކަމަށްވެސް މިސާލެއްގެ ގޮތުން ވަކީލު ވިދާޅުވިއެވެ. އެއީ އެ ދެ ފަރާތަކީ ގުޅުން ނެތް ދެފަރާތައް ވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މައްސަލައަށް ދައުލަތުގެ ފަރާތުން ޖަވާބުދެއްވަމުން އެޓާނީޖެނެރަލްގެ ފަރާތުން އައްޔަން ކުރައްވާފައި ހުންނެވި އީމާން މުހައްމަދު ރަޝީދު ވިދާޅުވީ، މީރާއިން ގަވާއިދަށް ގެނައި އެ އިސްލާހު 5 ނޮވެމްބަރު 2020 އިން ފެށިގެން ބާތިލުކޮށްފައިވާ ކަމަށާއި އެ މައްސަލަ ހުށަހެޅި ފަރާތަށް ހައްލު ލިބިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމުގެ ބޭނުމެއް ނެތްކަމަށް ދައުލަތުން ފާހަގަކުރާ ކަމަށާއި އެހެންކަމުން އެ މައްސަލަ ބާތިލުކޮށްދިނުމަށް އެދޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މާއްދާ ހިމެނުނު ދުވަހުން ފެށިގެން އެ މާއްދާއަކީ ބާތިލު މާއްދާއެއްގެ ގޮތުގައި ކަނޑއަޅައިފިނަމަ އެ މާއްދާގެ ދަށުން މީރާއަށް ނަގާފައިވާ ޓެކްސް އެ ނެގި ފަރާތްތަކަށް ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ގާނޫނު ނުވަތަ ގާނޫނުން ބައެއް މާނަކުރުމުގެ ބާރު ގާނޫނުން ކޯޓުތަކަށް ލިބެނީ އެ ގަވާއިދަކީ، ނުވަތަ އެ ގަވާއިދުން ބަޔަކީ އަމަލު ކުރެވެމުންދާ އެއްޗަކަށްވާނަމަ ކަމަށާއި މިހާރު އެ މާއްދާއަށް އަމަލު ކުރަމުންދާ އިރު، އެ މާއްދާ ބާތިލުކުރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާ ކަމަށްވެސް އޭޖީގެ ވަކީލު ވިދާޅުވިއެވެ.
އެ ނުކުތާއަށް ޖަވާބުދިނުމަށް މައްސަލަ ހުށަހެޅި ފަރާތަށް ފަނޑިޔާރު ދެއްވި ފުރުސަތުގައި ވަކީލު ފަތުހުﷲ ވިދާޅުވީ، އެ މާއްދާ މީރާއިން ބާތިލުކޮށްފައިނުވާ ކަމަށާއި އެ މާއްދާ މީރާއިން ވަނީ އަނބުރާ ގެންގޮސްފައި ކަމަށެވެ. އަދި އެ މާއްދާ އުފަންވި ހިސާބުން ބާތިލު ނުކުރާނަމަ، އެ މާއްދާ އޮތް ހިސާބުން ބަލާ މައްސަލަތަކަށް އެ މާއްދާ އެޕްލައި ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުން ވަކީލު ވިދާޅުވީ، 2018 ވަނަ އަހަރުގެ އޮޑިޓެއް އަލުން ކުރުމަށް މީރާއިން އަންގާއިރު އެއީ އެ މާއްދާއަށް އަމަލު ކުރަމުންދިޔަ މުއްދާތަކުން އަނެއްކާވެސް އެ މައްސަލައަކަށް އެ މާއްދާ އެޕްލައިވާނެ ކަމެއް ކަމަށެވެ. އެހެންކަމުން ގަވާއިދުގެ އެ މާއްދާ ބޭނުންކޮށްގެން މީރާއަށް ކުރެވޭނެ ކަންކަން އެބަހުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަަމަވެސް އުފަންވި ހިސާބުން އެ މާއްދާ އުވައިލުމަށް ކޯޓުން ހުކުމް ކޮށްފިނަމަ އެގޮތަށް އަންނަ ކަންތައްތަކުގައިވެސް އެ މާއްދާއަށް އަމަލުކުރަން ނުޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ވަކީލު އިތުރަށް ވިދާޅުވީ، އެ މާއްދާ އިސްލާހު ކުރި ހިސާބުން އުވައިލުމަށް، ކޯޓުން ހުކުމް ކޮށްފިނަމަ ދައުލަތުން ބަދަލުދޭން ޖެހޭނެ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވާ އިރު، ހަމައެކަނި އެ މާއްދާ އުފަންވި ހިސާބުން އުވާލައި ދެން ހުރި ކަންތައްތައް ބާތިލުނުވާ ގޮތަށް، އެ ކަންތައްތަކަކީ އެއިރެއްގައި އެކަންކަން ނިމިފައިވާގޮތަށް ނިމިފައި ހުރި ކަންތައްތަކެއް ކަމަށް ކަނޑައެޅުމުގެ ބާރު ގާނުނުއަސާސީގެ 144 ވަނަ މާއްދާގެ (ނ)އިން ކޯޓަށް ލިބިދޭ ކަމަަށްވެސް ވިދާޅުވިއެވެ. އަދި ގަވާއިދުގެ 30 ވަނަ މާއްދާ އުވާލާފައިވާ ކަމަށް ދައުލަތުން ބުނާ އިރު، އެއީ ސައްހަ މާއްދާއެއް ކަމަށްބުނެ ޝަރީއަތުގައި މިހާރުވެސް މީރާއިން އެ މާއްދާ ދިފާއު ކުރަމުންދާ ކަމަށްވެސް ވަކީލު ފަތުހުﷲ ވިދާޅުވިއެވެ.
އެގޮތުން ކޯޓުގައި ކުރިއަށްދާ ހަސަން ހަލީމް ވާސަސް މީރާ، ޓެކްސް އެޕީލް ޓްރިބިއުނަލްގެ މައްސަލައިގެ ސީދާ މައްސަލައަކީ ވެސް އެ މާއްދާ ކަމަށް ވެސް ވަކީލު ފަތުހުﷲ ވިދާޅުވިއެވެ.
މި މައްސަލައިގައި، 5 ނޮވެމްބަރު 2020 ގައި އެ ގަވާއިދުގެ 30 ވަނަ މާއްދާ ބާތިލު ކުރީ، އެ މައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެންތޯ، އޭޖީގެ ވަކީލުކުރެން ހައިކޯޓުގެ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. ފަނޑިޔާރު ވިދާޅުވީ، އެ މައްސަލަ ކޯޓުގައި ރަޖިސްޓަރީކޮށްފައިވަނީ ވެސް 5 ނޮވެމްބަރުގައި ކަމަށެވެ.
ފަނޑިޔާރުގެ ސުވާލަށް ޖަވާބުދެއްވަނުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ މާއްދާ ބާތިލުކުރީ ކީއްވެތޯ ޖެހޭނީ މީރާއިން އޮޅުން ފިލުވަން ކަމަށާއި އެކަން އޮޅުންފިލުވުމަށްފަހު މައުލޫއީގޮތުން މައްސަލައަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތު ބޭނުންވާ ކަމަށެވެ.
ގާޒީ ވިދާޅުވީ މީގެ ކުރިންވެސް މައްސަލައަށް ޖަވާބުދާރީވާން ދެ ފުރުސަތެއް ދީފައިވާ ކަމަށެވެ. އެހެންކަމުން މިފަހަރު މައްސަލައަށް ޖަވާބުދާރީ ވުމަށް 10 ދުވަހުގެ ފުރުސަތެއް ދޭ ކަމަށެވެ. އެއަށްފަހު މައްސަލައިގެ އަޑުއެހުން ވަނީ ނިންމައިލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު