ރިޕޯޓް

ދޫފަރިތަކަން ހޯދީ ބައްޕަގެ ލެކްޗަރުތަކުން!

އަހުމަދު ސާއިލް އަލީ

5

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭރުގެ އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް 2013ގެ އޭޕްރީލް މަހު ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި އޭރު ރ. އަތޮޅުގެ ކައުންސިލަރަކަށް ހުންނެވި، މުހައްމަދު ވަހީދު (ވައްޑޭ) ދެއްކެވި ވާހަކައަށްފަހު އެތަނުގައި ތިބި ބައެއް ނޫސްވެރިން ވެސް އެކަކު އަނެކެއްގެ ގާތުގައި ބުންޏެވެ. މިއީ އާދައިގެ މީހެއް ނޫނެވެ. ސިޔާސީ ގޮތުން ވަރަށް ބާރަށް ކުރިއަރައި ދާނެ ކަމަށް ބެލެވެ އެވެ.

އެކަން މިއަދު ހަގީގަތަކަށް ވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ހަރަކާތްތަކުގައި ވެސް އެންމެ ފޯރިއާއެކު ވާހަކަ ދައްކަވާ އެއްބޭފުޅަކަށް ވައްޑޭ ވާނެ އެވެ. ވާހަކަ ދެއްކުމުގައި އޭނާ ބޭނުން ކުރައްވާ މިސާލު ބަސްތަކާއި ސިފަ ކުރުންތަކާއެކު ގިނަ ބަޔަކަށް އޭނާގެ ވާހަކަ ދެއްކުން ކަމުދެ އެވެ. މަޖިލީހުގެ މެންބަރުންގެ ތެރެއިން މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ގޮތަށް އެންމެ ފަށުވިކޮށް ވާހަކަ ދައްކަވާ އެއްބޭފުޅަކީ 42 އަހަރުގެ ވައްޑޭ އެވެ.

އުނގޫފާރު ދާއިރާގެ މެންބަރު، ވައްޑޭ ވިދާޅުވާގޮތުގައި އޭނާއަށް ވާހަކަ ދެއްކުން އެންމެ ބޮޑަށް ދަސްވީ އޭނާގެ ބައްޕަ، އަދި ފައިނުގެ ކުރީގެ އިސް މެޖިސްޓްރޭޓް، އަބްދުލް ސަމަދު އެކިއެކި ކަންކަމާ ގުޅިގެން ނަސޭހަތް ދެއްވާއިރު އެ ގެންގުޅުއްވާ ގޮތުގެ ތެރެއިންނެވެ. ބައްޕައަކީ ތައުލީމީ ބޭފުޅަކަށް ވުމާއި އަދި ގިނައިން ފޮތް ވިދާޅުވާ ބޭފުޅަކަށް ވާތީ ހިތްހަމަ ޖެހިވަޑައިނުގެން ނަސޭހަތް ދެއްވާއިރު ވެސް ދީނީ އަދި ދުނިޔެވީ އެކިއެކި މިސާލުތައް ދައްކަވާތީ އެގޮތް ވައްޑޭއަށް ވެސް ކަމުދިޔައީ އެވެ.

"ބައްޕަ ތަގުރީރު ދެއްވާއިރު އަޅުގަނޑު މި އިންނަނީ އަނގައިން ނުބުނެ އަޑު އަހަން. އިސްޖަހައިގެން އިންނަނީ ހަމަ ރައްދު ނުދީ. ބައްޕަގެ އެ ތަގުރީރުތަކުން އަސްލު ވަރަށް ކަންކަން ދަސްވި،" ހީނލާފައި ވައްޑޭ ވިދާޅުވި އެވެ.

އުފަން ރަށް ރ. ފައިނާއި އަރަބިއްޔާ ސްކޫލުގެ އިތުރުން މައުހަދުން ތައުލީމް ހާސިލް ކުރިއިރު ވެސް ވައްޑޭއަކީ އަދަބީ ކަންކަމަށް ލޯބި ކުރި ދަރިވަރެކެވެ. އަރަބިއްޔާ ސްކޫލުން ނެރުނު "މަންހަލް" މެގަޒިން އާއި މައުހަދުން ނެރުނު "މަންހަޒް" މެގަޒިން ނެރުމުގެ އިތުރުން ސްކޫލް ދައުރުގައި ވައްޑޭ ގަވައިދުން ބަހުސް މުބާރާތަކާއި ވާހަކަ ދެއްކުމުގެ މުބާރާތްތަކުގެ އިތުރުން އަދަބީ ހުރިހާ ހަރަކާތެއްގައިހެން ދިޔައީ ބައިވަރު ވަމުންނެވެ.

"އޭރު ސްކޫލްގެ ތެރޭގައި އޮންނަނީ ވަރަށް ވާދަވެރި އަދަބީ މާހައުލެއް. އެހެންވެ ވަރަށް ބޮޑަށް އަދަބީ ކަންކަމުގައި އޭރު އުޅުނިން،" 1990 ގެ އަހަރުތަކުގައި ތައުލީމު ހާސިލު ކުރެއްވިއިރު ސްކޫލް ދައުރުގެ ހަނދާންތައް އާ ކުރައްވަމުން ވައްޑޭ ވިދާޅުވި އެވެ.

ސްކޫލް ދައުރުގައި އަދަބީ ކަންކަމަށް އޮތް ވާދަވެރިކަން ބޮޑުވުމުގެ ސަބަބުން މޮޅު ވާހަކަ ދެއްކުންތެރިއަކަށް ވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހެއެވެ. ދޫފަރިތަވެގެން އެކަނި އެކަން ކުރެވެން ނެތީތީ އެވެ. އެހެންވެ ކޮންމެ ސްޕީޗަކަށް ވެސް ލައިބްރަރީގައި ގިނަ ވަގުތު ހޭދަކޮށް މައުލޫމާތު އެއްކުރުމަކީ އޭރު ވައްޑޭމެންގެ އާދަ އެވެ. އޭރު ދަސްވި އެކަންކަން މިއަދު ވެސް އޭނާ ބޭނުން ހިފަ އެވެ.

މައުހަދުން ގްރޭޑް 11 އަކާ ހަމައަށް ކިޔަވައި ނިންމައިލުމަށް ފަހު އަމީރު އަހުމަދު ސްކޫލްގެ ސެކަންޑްރީ ދިވެހި ޓީޗަރެއްގެ ގޮތުގައި ވައްޑޭ މަސައްކަތް ކުރެއްވި އެވެ. އަދި ސަރުކާރުގެ ވަޒީފާއަކަށް 2003 ވަނަ އަހަރު ހެލްތު މިނިސްޓްރީއާ ގުޅިވަޑައިގަތެވެ. އެއަށްފަހު އެންވައިރޮމެންޓް މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވި އެވެ. ވައްޑެ ވަނީ ތިމާވެށީގެ ދާއިރާއިން އެކިއެކި ކޯސްތައް ރާއްޖެ އާއި ރާއްޖޭން ބޭރުން ހައްދަވައިފަ އެވެ. މިއަދު ނޫހުގެ ޑެޕިއުޓީ އެޑިޓަރުކަން ވެސް ކުރެއްވި އެވެ.

އުމުރުން 15 އަހަރުގައި ދީނީ މައްސަލައެއްގައި ޖަލަށް

ވައްޑެ ވިދާޅުވާ ގޮތުގައި ސިޔާސީ ކަންކަމަށް އޭނާ ޝައުގުވެރިވާން ފެށީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނާއިންސާފުން ކުރަމުން ދިޔަ ކަންތައްތަކެއްގެ ސަބަބުންނެވެ. އޭގެ ތެރެއިން އޭނާއަށް ދިމާވި އެއް ހާދިސާއަކީ 1994 ވަނަ އަހަރު އިސްލާމީ މަރުކަޒުގައި މެންދުރު ނަމާދު ޖަމާއަތުގައި ކުރެއްވި ދުވަހަކު މޭމަތީގައި ހަށަންބަން މައްސަލައިގައި ކުޑަގޮޅިއަށް ލުމެވެ. އުމުރުން 15 އަހަރުގައި ވައްޑެ އެ މައްސަލާގައި ދެ ދުވަހު ކުޑަ ގޮޅީގައި ބޭއްވި އެވެ.

"ސިފައިން ބުނީ އެ މީހުން ބުނާގޮތަށް އެއްބަސްވާށޭ. ނޫނީ ޖެހޭނީ ސްކޫލުން ކެނޑިގެން ޖަލަށްށޭ އަންނަން. އެހެންވެ އެ މީހުން ބުނިހާ ކަމަކަށް އެއްބަސްވީ. އަދި ދެއްކި ބަޔާނުގައި ސޮއިވެސް ކުރިން. ނޭނގެ އޭގައި އޮތީ ކޮން އެއްޗެއް ކަމެއް ވެސް،" 16 މީހުންނާއެކު މިސްކިތުން ހައްޔަރު ކުރި ދުވަހުގެ ހަނދާން އާ ކުރައްވަމުން ވައްޑޭ ވިދާޅުވި އެވެ.

އޭގެ އެއް އަހަރު ފަހުން ވެސް އިސްލާމީ މަރުކަޒުން ވައްޑޭ ސިފައިންގެއަށް ގެންދިޔަ އެވެ. އެ ދުވަހު އޭނާ ކުށްވެރިވީ ފޮތް ކިޔަން މިސްކިތަށް އެކުގައި ގޮސް އުޅުނު ކުދިންތަކަކާ އެކު މައުމޫންގެ ވެރިކަމަށް ފާޑުވިދާޅުވެ މަރުކަޒުގެ ސިޑިމަތީގައި ހުންނަވައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

"އެ ދުވަހު ގެންގޮސް ބިރު ދެއްކީ. ބުނީ ކަލޭ ސައިޒް އޮޅިގެން ނޫޅޭށޭ. އެހެން ބުނެ އިންޒާރު ދީފައި ފޮނުވާލީ،" އެއްބަނޑު އެއްބަފާ ނުވަ ކުދިން ތިބޭއިރު އޭގެ ތެރެއިން ދޮށީ ފިރިހެން ދަރި، ވައްޑޭ ވިދާޅުވި އެވެ.

އެންމެ ފުރަތަމަ ވައްޑެ ސިޔާސީ ކަންކަމަށް ނުކުތީ 1990ގެ ފަހުކޮޅު ރައީސް މުހައްމަދު ނަޝީދު މާލޭގެ މެންބަރު ކަމަށް ވާދަކޮށްގެން އުޅުނު ދުވަސްވަރެވެ. އޭރު ޒުވާނެއްގެ ގޮތުގައި ހުރި ވައްޑޭ ކެމްޕެއިންގެ އެކިއެކި ކަންކަމުގައި ބައިވެރިވި އެވެ. އެހާ ހިސާބުން ފެށިގެން ގޮސް އެމްޑީޕީ އުފެއްދީއްސުރެ މިއަދާ ހަމައަށް ވެސް އޭނާއަކީ އެ ޕާޓީގެ ހަރަކާތްތަކުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެކެކެވެ.

"ވަރަށް ބިރުގަނޭ ހައްޔަރު ކޮށްފާނެތީ ވެސް. އެކަމަކު ވެސް ހުރިހާ އެއްވުމަކަށްހެން ދަން، 2004 ގައި 12،13 ގެ ކަންކަމުގައި ވެސް ބައިވެރިވިން. ފެށުނީއްސުރެ ޖުމްހޫރީ މައިދާނުގައި އުޅުނިން. ސަރުކާރުގައި އުޅުނުއިރު ސިޔާސީ އެފަދަ ހަރަކާތްތަކުގައި ބައިވެރިނުވާން އަންގާފައި އޮންނައިރު ވެސް ބަރާބަރަށް އެމްޑީޕީގެ ކަންކަމުގައި އުޅުނިން ހަމަ،" ވައްޑޭ ވިދާޅުވި އެވެ.

ރައީސް ނަޝީދު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުން އެ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކަމާކަންފަށައި އުފަން ރަށް ފައިނަށް ވައްޑެ ވަޑައިގަތެވެ. ރަށާއި އަތޮޅުގެ ކެމްޕެއިންގައި އޭނާ އުޅުއްވި އެވެ. އަތޮޅުގައި ޕާޓީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވުމުގެ ތެރެއިން ޕާޓީ މެންބަރުންގެ އެދުމުގެ މަތިން 2011 ވަނަ އަހަރު ބޭއްވި ފުރަތަމަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިނގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި އަތޮޅު ކައުންސިލަށް ވާދަކޮށް އޭނާ އެ އިންތިހާބު ކާމިޔާބު ކުރެއްވި އެވެ. އެއީ ރަސްމީގޮތުން ސިޔާސީ މަސައްކަތް ފެށުނު ހިސާބެވެ. ސިޔާސީ މަސައްކަތް އިތުރަށް ފުޅާވެގެން ދިޔައީ 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނު ހިސާބުން ރ. އަތޮޅުގައި އެމްޑީޕީގެ ހަރަކާތްތައް ފުޅާކުރަން ފެށި މަސައްކަތުގެ ތެރެއިންނެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއެކު އަތޮޅުތެރޭގައި ކެމްޕެއިންގައި އުޅުއްވިއިރު ވައްޑޭ ރަށްރަށުގައި ދެއްކެވި ވާހަކަތައް މާރިޔާއަށް ކަމުދިޔަ އެވެ. ސިޔާސީ މަސައްކަތުގެ ކުރިއަށް ވައްޑޭ ނެރުމުގައި މާރިޔާގެ ދައުރު ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުﷲ ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގެން ބޭއްވި އެ ޕާޓީގެ ބޮޑު ޖަލްސާއަކީ ވައްޑޭ އެފަދަ ބޮޑު ޖަލްސާއެއްގައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. ބިރުން ހުރެނަމަވެސް ރީތި ބަސްތަކާއި އަދި ފަރިތަކަމާއެކު ދެއްކެވި ވާހަކަތަކުގެ ސަބަބުން އޭނާއަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ އެވެ. އެއާއެކު އެމްޑީޕީގެ ބޮޑެތި ޖަލްސާތަކުން އޭނާއަށް ގަވައިދުން ފުރުސަތު ލިބެން ފެށި އެވެ.

"އެ ރޭ ޕޯޑިއަމްގައި ހުއްޓި އެހާ ބޮޑު ކްރައުޑެއް ފެނުމުން ދައްކަން ދިޔަ ވާހަކަވެސް ހަނދާން ނެތުނު. މީހާ ހީބިހި ނަގާވަރުގެ ކްރައުޑެއް އޮތް." ކާނިވަލުގައި މީގެ ހަތް އަހަރު ކުރިން ބޭއްވި ޖަލްސާއާ ގުޅޭގޮތުން ވައްޑޭ ވިދާޅުވި އެވެ.

މީހުންގެ ޝައުގުވެރިކަން ދަމައިގަންނަ ގޮތަށް ވާހަކަ ދައްކަވާ ވައްޑެ ވިދާޅުވިގޮތުގައި އޭނާގެ ވާހަކަތައް ގިނަ ބަޔަކަށް ކަމުދާނަމަ އެކަމުގައި ފޮރުވިފައިވާ ސިއްރަކީ އަމިއްލަ ގަބޫލު ކުރެއްވުމާއި އަމިއްލަ ރާގު ބޭނުން ކުރުމެވެ. އަދި މުޅިންހެން ދައްކަވަނީ ހިތުގެ އަޑިން ގަބޫލު ކުރާ ވާހަކަތައް އެކަނި ކަމަށް ވައްޑޭ ވިދާޅުވި އެވެ.

"އަޅުގަނޑަކީ އަސްލު މާ މޮޅު ވާހަކަދެއްކުންތެރިއެއް ނޫން. އެކަމަކު އަޅުގަނޑުވެސް ވާހަކަ ދެއްކުމުގެ ކުރިން ތައްޔާރުވަން. އެކަމަކު މާބޮޑަށް ތައްޔާރުވެގެން ދެއްކި ވާހަކައެއް މާ ބޮޑަށް ހިނގާފައެއް ނެތް. ތެދަށް އިހުސާސްތައް ބުނެދީގެން އަސްލު ހިނގަނީ. އިބްރާހިމް ޝިހާބަށް ނުވަތަ ރައީސް ނަޝީދަށް ވާން އުޅެގެން އަދި އެންމެ ރަނގަޅަށް ވާހަކައެއް ނުދެއްކޭނެ. އެ މީހެއްގެ ސްޓައިލްގައި އެ މީހަކު ދައްކަން ވާނީ،" ވައްޑޭ ކިޔައިދެއްވި އެވެ.

ގިނަ ބަޔަކަށް އޭނާގެ ވާހަކަދެއްކުންތެރިކަން ކަމުދާނަމަ އޭގެ އަނެއް ސަބަބަކަށް ވާނީ އޭނާ ވާހަކަ ދައްކަވަނީ ރައްޔިތުންގެ އިހުސާސްތައް އެނގި އެކަންކަން ހައްލު ކުރުމުގެ ނިޔަތުގައި ކަމަށް ވާތީ ކަމަށްވެސް ވައްޑޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވާގޮތުގައި ގިނަ އަދަދެއްގެ މީހުންނާއެކު ކޮންމެ ދުވަހަކު ވެސް ވަގުތު ހޭދަ ކުރާތީ އާންމުންގެ އިހުސާސް އޭނާއަށް ރަނގަޅަށް އެނގެ އެވެ.

އުނގޫފާރު ދާއިރާގެ މެންބަރަކަށް ހުންނެވި ވައްޑޭ ވިދާޅުވިގޮތުގައި މަޖިލިސް މެންބަރަކަށް ވުމުގެ ހުވަފެން އޭނާ ދުވަހަކުވެސް ނުދެކެ އެވެ. އޭނާގެ ރަށް ނުހިމެނޭ ދާއިރާއަކުން އެ ފުރުސަތު އޭނާއަށް ލިބިވަޑައިގަތީ އެމްޑީޕީގެ އެކިއެކި މަސައްކަތުގައި އުޅުއްވުމުގެ ތެރެއިން ކަމަށް ވައްޑެ ވިދާޅުވި އެވެ.

"އަދިވެސް ހިތަކަށް ނާރާ އަޅުގަނޑަކީ މެންބަރެކޭ ވެސް. އެގޮތަކަށް ނުވެސް އުޅެވޭ.،" ހީނލާފައި ވައްޑޭ ވިދާޅުވި އެވެ.

ވާހަކަދެއްކުންތެރިކަމުގެ ހުނަރާއެކު ދެން ވައްޑޭ ސިޔާސީ މައިދާނުގައި ވިދާލި އަނެއް ސަބަބަކީ ކެރިގެން ކުރެއްވި މަސައްކަތެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތިން ފަހަރަށް ޖަލަށް ލައި ދެ ފަހަރަށް ޕޮލިހަށް އޭނާ ހާޒިރުކުރި އެވެ. އަދި ދެ ފަހަރަށް ފިލައިގެން އުޅެން ޖެހުނެވެ. އެވަރުން ވެސް އޭނާ ކުރައްވަމުން ގެންދެވި މަސައްކަތަށް ބަދަލެއް ނުގެނެ އެވެ.

"ރާއްޖޭން ބޭރަށް ފުރަންދާ އެއްވެސް ފަހަރަކު ޔަގީންކަމެއް ނޯވޭ ދެވޭނެ ކަމަކަށް. އަބަދުވެސް ބިރު އޮވޭ ޕާސްޕޯޓް ހިފަހައްޓާފައި އޮވެދާނެ ކަމުގެ. ފުލުހުންގެ ޖިޕް ފެންނަ ކޮންމެ ފަހަރަކު ހީވޭ ހައްޔަރު ކުރަން އަންނަހެން،" ސިޔާސީ މަސައްކަތުގައި އުޅުއްވި ބިރު ސިފަކޮށްދެއްވަމުން ވައްޑޭ ވިދާޅުވި އެވެ.

ކުރިން އަތޮޅު ކައުންސިލަރުކަން ކުރެއްވި ވައްޑޭ ވިދާޅުވާގޮތުގައި އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ރާއްޖެ ލާމަރުކަޒީ ނިޒާމަކުން ރަނގަޅަށް ހިންގަން ފެށުމެވެ. އަތޮޅުތެރެއަށް މާލީ އަދި ގާނޫނީ ބާރުވެރިކަން ދިނުމެވެ. މަޖިލީހުގެ ތެރެއިން އެ މަސައްކަތްތަކުގައި އޭނާ ގިނަ މަސައްކަތްތަކެއް އެބަ ކުރައްވަ އެވެ. އެފަދަ ގޮތަކަށް ލާމަރުކަޒީ ނިޒާމް ތަންފީޒު ކުރެވިއްޖެނަމަ އަދިވެސް އެންމެ އުޅެން ބޭނުންވަނީ އުފަން ރަށް ފައިނުގައި ކައުންސިލަރަކަށް ކަމަށް ވައްޑޭ ވިދާޅުވި އެވެ.

"ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ މައިގަނޑު މަފްހޫމަކީ ލާމަރުކަޒީ ކުރުން. އެ މެނިފެސްޓޯ އެކުލަވައިލުމަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބުން އެއީ ވަރަށް ބޮޑު އުފަލެއް. އެ ތަސައްވަރާ އެއްގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެންނަން މަޖިލީހުގައި ވަރަށް މަސައްކަތް ކުރިން. އެ ނިޒާމު ރަނގަޅަށް ތަންފީޒު ކުރުމަކީ ވަރަށް ބޮޑު ހުވަފެނެއް،" ވައްޑޭ ސިޔާސީގޮތުން ދެކެން ބޭނުންވާ ދުވަސް ވިދާޅުވި އެވެ.

ސިޔާސީ ކަންކަމުގެ ތެރެއިން ވޭތުވެދިޔަ 15 އަހަރު ތެރޭގައި ރައްޔިތުންނަށް ގިނަ ވައުދުތަކެއް ސިޔާސީ ބޭފުޅުން ވެފައިވާއިރު އޭނާ ވެސް އެންމެ ދެކެން ބޭނުން ދުވަހަކީ އެ ވައުދުތައް ތަންފީޒު ކުރެވޭ ދުވަހެއް ކަމަށް ވައްޑޭ ވިދާޅުވި އެވެ. ވައުދުތައް ނުފުއްދުމާ ގުޅޭގޮތުން މިހާރު ދެއްކޭނެ ބަހަނާއެއް ނެތް ކަމަށާއި ސަރުކާރާއި މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވުމާއެކު ވައުދުތައް ފުއްދާ ކަމުގެ އިހުސާސް ރައްޔިތުންނަށް ކުރެވޭތަން ދެކެން ވަރަށް ބޭނުންވާ ކަމަށް ވައްޑެ ވިދާޅުވި އެވެ.

މިއަދު ވައްޑޭއަކީ ގިނަ ބަޔަކު ދަންނަ ނަން ހިނގާ މެންބަރެކެވެ. ގިނަ ބައެއްގެ ޝައުގުވެރިކަން އޭނާ ދަމައިގަތީ ވާހަކަ ދެއްކުމުގެ ހުނަރުންނެވެ. އޭނާ ވިދާޅުވާގޮތުގައި އެކަން އެންމެ ބޮޑަށް ދަސްވީ ބައްޕަ ނަސޭހަތް ދެއްވާއިރު އެ ގެންގުޅުއްވާ ސްޓައިލްގެ ސަބަބުންނެވެ.