މެރެތަން ދުވުމުގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ދުވުންތެރިޔާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ ސްޓާފް ސާޖަންޓް ނަސްރުﷲ އަހުމަދުގެ 60 ވަނަ މެރެތަންގެ މެޑައްޔާއި ޖޯޒީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލޯހަށް ހަދިޔާކުރައްވައިފިއެވެ.

މި މެޑައްޔާއި ޖޯޒީ ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ނަސަރުﷲ އަހްމަދަކީ އެންމެ ގިނަ މެރެތަން ދުވެފައިވާ ދިވެހި ދުވުންތެރިޔާގެ ރެކޯޑް ހާސިލުކޮށްފައިވާ ދުވުންތެރިޔާއެވެ. އޭނާގެ 60 ވަނަ މެރެތަންއަކީ، 2020 ވަނަ އަހަރު ބޭއްވި ނިއުޔޯކް ލިބަޓީ ރަންއެވެ. އޭގެ ފަހުން ވެސް އިތުރު ފަސް މެރެތަން ނިންމަވައި އޭނާ ވަނީ ޖުމްލަ 65 މެރެތަންގައި ދުވެފައެވެ.

ނަސްރުﷲ އަހްމަދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މެރެތަން ދުވުމުގެ ދާއިރާއިން ނަސްރުﷲ ހޯއްދަވާފައިވާ ކާމިޔާބީ ފާހަގަކުރައްވައި އެ ކަމަށް މަރުހަބާ ދަންނަވައިފައެވެ. އަދި، ނަސްރުﷲގެ އެންމެ ބޮޑު އެއް އަމާޒު ކަމުގައިވާ، އެންމެ ގިނަ މެރެތަން ދުވެފައިވާ އޭޝިއާ ސަރަހައްދުގެ ދުވުންތެރިޔާގެ ޝަރަފު ހޯދުމަށް ކުރަމުން އަންނަ މަސައްކަތަށް ހިތްވަރުދެއްވިއެވެ. މީގެ އިތުރުން، މެރެތަން މުބާރާތްތަކަށް ތައްޔާރުވުމުގައި އަމަލުކުރައްވާ ގޮތާއި، ކުރިމަތިވާ ދަތިތަކުގެ މައުލޫމާތު ސާފު ކުރައްވައި، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތްކުރުމުގައި ދެމިހުންނެވުމަށް އެދިވަޑައިގެންނެވިއެވެ.

އެވްރެޖުކޮށް ހަތަރު ގަޑިއިރުގެ ތެރޭގައި މެރެތަން ފުރިހަމަކުރައްވާ ނަސްރުﷲ އަހްމަދުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2019 ވަނަ އަހަރު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި ފަސްވަނަ ހިންދުސްތާން މެރެތަންއެވެ.

މި މެރެތަން އެއްވަނަ މަގާމުގައި ނިންމަވާފައި ވަނީ ތިން ގަޑިއިރާއި 29 މިނެޓު 38 ސިކުންތުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ މެރެތަންތަކުގައި ދުވުމުގެ އިތުރުން، ނަސްރުﷲއަކީ މި ދާއިރާއިން މީހުން ބިނާކުރުމުގައި ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. މިގޮތުން، މެރެތަން އާއި ލޯންގް ރަން ފަދަ މުބާރާތްތަކަށް ދިވެހި ދުވުންތެރިން ތަމްރީނު ކުރެއްވުމުގައި ނަސްރުﷲ މުހިންމު ދައުރެއް އަދާކުރައްވައެވެ.

މި ގޮތުން ރާއްޖޭގެ ފުލް-މެރެތަން އަދި ހާފް-މެރެތަންގެ ރިކޯޑު ހާސިލުކޮށްފައިވާ ޝިފާޒު މުހައްމަދާއި، ފަސް ކިލޯމީޓަރުގެ ރެކޯޑު ހާސިލުކޮށްފައިވާ މުހައްމަދު ރަޝީދު، އެ ކާމިޔާބީތައް ހޯދާފައި ވަނީ ނަސްރުﷲ އެހީތެރިކަމާއެކުއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދުދީދީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެ ވަޑައިގެންނެވިއެވެ.