ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މީހުންގެ ނަންތައް ހާމަކުރުމަށް ކެންޔާ އަންހެން މީހާގެ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވެ ވެޑައިގަންނަވާ ނޫރުބާން ފަހުމީ ގޮވާލައިފި އެވެ.
ޕީޖީ އޮފީހުން މިދިޔަ އަންގާރަ ދުވަހު ވަނީ އެ މައްސަލައިގެ ތުހުމަތު ކުރެވޭ ތިން މީހުންގެ މައްސަލަ ފުލުހުން ފޮނުވުމުން، އެކަމުގައި ހުރި ހެއްކާއި ގަރީނާއަށް ބަލައި އެ މައްސަލަ ބަލައިގެންފައިވާ ކަމަށް ބުނެފަ އެވެ. އަދި މައްސަލަ ކޯޓަށް ފޮނުވުމާމެދު މަޝްވަރާ ކުރާނެ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެ މައްސަލައިގައި ތުހުމަތު ކުރަނީ ކޮން ތިން މީހުންނަކަށް ކަމެއް ފުލުހުން ވެސް އަދި ޕީޖީން ވެސް އަދި ހާމަކޮށްފައެއް ނުވެ އެވެ.
ނޫރުބާން ފަހުމީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަފާރީ ރޭޕް ކޭސްގެ މައްސަލަ ޕީޖީ އޮފީހަށް ރަސްމީކޮށް މިއަދު ފޮނުވާނެކަން ފުލުހުންގެ ފަރާތުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ކަމާ ގުޅުންހުރި އިދާރާތަކުން ކުރިން އަމަލުކުރަމުން އަންނަ ގޮތަށް އެ މައްސަލައިގައި ހިމެނޭ މީހުންގެ ނަންތައް ހާމަކުރަން އެދޭ ކަމަށް ވިދާޅުވި އެވެ.
ޕީޖީއަށް ފޮނުވާ ބައެއް މައްސަލަތަކުގެ މައުލޫމާތު ފުލުހުން މީޑިއާތަކަށް ހާމަކުރެ އެވެ. ނަމަވެސް އެފަދަ މައުލޫމާތު ޕީޖީން އާންމުކޮށް ހާމަކުރަނީ ކޯޓަށް މައްސަލަ ހުށަހެޅުމަށްފަހު އެވެ.