އިނގިރޭސި ވިލާތުގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގެ ފުރަތަމަ ހަފްތާ ތެރޭގައި 130،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފި އެވެ.

އިނގިރޭސި ވިލާތަކީ ދުނިޔެއިން ހަތް ވަނަ އަށް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ގައުމެވެ. އެގައުމުން 1.9 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ.

އިނގެރޭސި ވިލާތުގެ ވެކްސިން ޕްރޮގްރާމްގެ ވެރިޔާ މިނިސްޓަރު ނަދީމް ޒަހަވީ ވިދާޅުވި ގޮތުގައި، ވެކްސިން ޕްރޮގްރާމްގެ ދަށުން މިމަހުގެ އަށަކުން 15 އަށް ޖުމްލަ 137،897 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ. އެމީހުންނަށް ދީފައި ވަނީ ބަޔޯއެންޓެކް އާއި ފައިޒާ ގުޅިގެން އުފެއްދި ވެކްސިންގެ ފުރަތަމަ ޑޯސް އެވެ. އަދި އެއީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ވެކްސިން ޕްރޮގްރާމްގެ ފުރަތަމަ ހަފްތާ ތެރޭގައި ވެކްސިން ދިނުމުގެ ކަންތައް ކުރިއަށް ގެންގޮސްފައިވަނީ 70 ހޮސްޕިޓަލަކުންނެވެ. މި ހަފްތާގެ ނިމުމުގެ ކުރިން ގާތްގަނޑަކަށް 200 އެއްހާ ކްލިނިކް ހަދައި ހިދުމަތް ދޭން ފަށާއިރު، އަންނަ ހަފްތާގައި އިތުރު 1000 ކްލިނިކް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން، ވެކްސިން ޕްރޮގްރާމްގެ ތެރެއިން އެގައުމުގައި އުޅޭ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ސިއްހީ އެކިއެކި މައްސަލަ ހުންނަ ހުރިހާ ޒުވާނުންނަށް ވެކްސިން ދޭނެ އެވެ. އެއީ ގާތްގަނޑަކަށް 25 މިލިއަން މީހުންނެވެ.

ވެކްސިން ޕްރޮގްރާމްގެ ހުރިހާ ކަމަކަށް 16 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވޭއިރު، އިނގިރޭސި ވިލާތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެކްސިން ދިނުމުގައި ހަރަކާތްތެރިވާނެ މުވައްޒަފުން ނެތުމުގެ ދަތިކަމެވެ. އެގޮތުން އިތުރަށް އަދިވެސް ގާތްގަނޑަކަށް ހާހަކަށްވުރެ ގިނަ މުވައްޒަފުން ބޭނުންވާނެ ކަމަށް އެގައުމުގެ އޮޑިޓް އޮފީހުން ބުނެ އެވެ.