ގޭންގު މާރާމާރީއެއްގައި ވ. ކެޔޮދޫ ދޭލިޔާގެ މޫސާ އަހުމަދު ފަތުހީ މަރާލި މައްސަލައާ ގުޅިގެން އދ. މާމިގިލި، ސޭޑީ ގްރޫވް، ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ދައުލަތުން ދައުވާ އުފުލީ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ބުނެ، އެ ދައުވާ ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި، ސައްމާހުގެ މައްޗަށް އުފުލި ދައުވާ ކްރިމިނަލް ކޯޓުން ބޭރު ކޮށްލުމާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަސަ ހައިކޯޓުުގައި އިސްތިއުނާފު ކުރިއެވެ.

މޫސަ މަރުވެފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ސައްމާހު އާއި އިތުރު ބަޔަކު 23 ސެޕްޓޭމްބަރު 2017 ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު ހިންގި ގޭންގު މާރާމަރީއެއްގެ ތެރެއިން ދިން ހަމަލާތަކާ ގުޅިގެންނެވެ. ދައުލަތުން ތުހުމަތު ކޮށްފައިވަނީ، ހަތް އިންޗި ހުރި ވަޅިއަކުން ހަމަލާދީ މޫސަ މާރާލީ ސައްމާހު ކަމަށެވެ.

އެހެންކަމުން އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ސައްމާހުގެ މައްޗަށް ދައުލަތުން އުފުލި އެވެ.

އޭރު ސައްމާހުގެ އުމުރުން 18 އަހަރެވެ.

މޫސަ މަރާލި މައްސަލައިގެ ތުހުމަތުގައި ސައްމާހު ހައްޔަރު ކުރީ 9 އޮކްޓޯބަރު 2017ގަ އެވެ. ނަމަވެސް، އޭނާއަށް ދައުވާ ކުރީ ދައުވާ ހުށަހެޅުމުގެ މުއްދަތު ފަހަނައަޅައި ދިޔަފަހުން 5 ޑިސެމްބަރު 2017ގައި ކަމަށް ބުނެ ސައްމާހުގެ ފަރާތުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން އިޖުރާއީ ނުކުތާއެއް ނަގައިފަ އެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ނުކުތާތަކާ މެދު ގޮތެއް ކަނޑައަޅުއްވަމުން މިދިޔަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމަވައިފައި ވަނީ، ދައުލަތުން ސައްމާހަށް ދައުވާ ކުރީ ދައުވާ ކުރަން އޮންނަ 30 ދުވަހުގެ މުއްދަތު ފަހަނައަޅައިދިޔަ ފަހުންކަން ސާބިތުވާ ކަމަށެވެ.

އެެހެންވެ ސައްމާހުގެ މައްޗަށް ކުރި ދައުވާ ބެލޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ކޯޓުން އެ މައްސަލަ ބޭރުކޮށްލި އެވެ.

މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން މައްސަލަ ބަލައި އެ ކޯޓުން ކޮށްފައިވާ ހުކުމްގައި ވަނީ، އެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅައި ހުކުމްކުރާ ކަމަށެވެ.

އައިޓަމްސް ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ސައްމާހުގެ މައްޗަށް އިތުރު ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެއީ މަގުބޫލު ސަބަބެއްނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ.

އޭގެ އިތުރުން މޫސަ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ މ. ދިއްގަރު ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދު އާއި ނ. ޅޮހި ކަނީރުމާގެ، މުހައްމަދު ރިޔާޒު އާއި ސ. ހިތަދޫ މުޑުދާސްގެ އަލީ ހަސަންގެ މައްޗަށްވެސް އުފުލާފައިވެ އެވެ.