ޕީސީއާރު ނެގެޓިވް ނަތީޖާއެއް ނެތި ދިވެހިންނަށް ރާއްޖެ އާދެވޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) ބުނެފިއެވެ.

ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކަށް ރާއްޖެ އާދެވޭނީ، އެމީހަކު ދަތުރު ފަށާ ބަނދަރުން ފުރާއިރު، 96 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ކަމަށް ބަޔާންކޮށް އެޗްޕީއޭއިން މިއަދު އުސޫލެއް އާއްމުކުރިއެވެ. ނަމަވެސް އެ އުސޫލަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ބަދަލު ގެނައި އުސޫލުގައި ބުނީ ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކަށް ޕީސީއާރް ޓެސްޓު ނުހަދައިވެސް ރާއްޖެ އާދެވޭނެ ކަމަށާއި ނަމަވެސް ރާއްޖެ އައިސް ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ ކަމަށެވެ. އަދި ރާއްޖެ އައިސް ހަދާ ޕީސީއާރް ޓެސްޓުގެ ނަތީޖާ ލިބެންދެން ކަރަންޓީނުގައި މަޑުކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެއެވެ.

ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) އަށް އަންނަ ފަރާތްތައް ކަރަންޓީނު ވާން ނުޖެހުނު ނަމަވެސް 10 ދުވަހުގެ މުއްދަތަށް ގޭގައި މާސްކު އަޅައިގެން އުޅުމާއި އެކަހެރިވެ ތިބުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ބަދަލާއެކު ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު މާލެ ސަރަހައްދުގައި މިހާރު ކަރަންޓީނުވެފައި ތިބި ފަރާތްތައް ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވެއްޖެނަމަ މިއަދުން ފެށިގެން ކަރަންޓީނުން ދޫކޮށްލެވޭނެއެވެ. އަދި އެފަރާތްތަކުގެ ޓެސްޓް ހެދުމުގެ އިންތިޒާމު ހަމަޖައްސައި އެކަން އަންގަމުންދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ އެޖެންސީން ބުނީ، ނެގެޓިވް ޕީސީއާރަކާއެކު ރާއްޖެ އައިސް މާލެ ސަރަހައްދުގައި ކަރަންޓީނު ނުވާ ގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް ރާއްޖޭން ބޭރުން އައިސް ރަށްރަށަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި މާލޭ ސަރަހައްދަށް އަންނަ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނު ވާން ޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް ބުންޏެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގެނައި ލުއިތަކުގެ ތެރެއިން ކުރު މުއްދަތުގެ ދަތުރުތަކަށް މާލެއިން އަތޮޅު ތެރެއަށް ދާންޖެހޭ ފަރާތްތަކަށް ޕީސީއާރު ޓެސްޓް ހެދުމަށް ކަނޑައަޅާފައި އޮތް އޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފައެވެ. އެ ބަދަލާއެކު ކުރު މުއްދަތަށް އެކި ބޭނުންތަކަށް އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކުން، އެ ފަރާތްތަކުން އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް އަމަލު ކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވެއެވެ.