ކުރުމުއްދަތުގެ ދަތުރުތަކަށް މާލެއިން އަތޮޅުތެރެއަށް ދާންޖެހޭ މީހުން ޕީސީއާރު ޓެސްޓު ހަދަން ނުޖެހޭ ގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސައިފި އެވެ.

އެޗްޕީއޭ އިން މިމަހުގެ ދެވަނަ ދުވަހު އާންމުކުރި އުސޫލުގައި ބުނެފައިވާ ގޮތުން، ކޮންމެހެން ދޭންޖެހޭ ހިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތައް 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއަކާއެކު ދަތުރު ކުރެވޭނެ އެވެ.

އެ ނިންމުން އުވާލައި އެޗްޕީއޭ އިން މިއަދު ބުނީ، އެ ބަދަލާއެކު ކުރު މުއްދަތަށް އެކި ބޭނުންތަކަށް އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތަކުން، އެފަރާތްތަކުން އަމަލުކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިންއާ ހިލާފަށް އަމަލުކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

މިމަހުގެ ދެވަނަ ދުވަހު އެޗްޕީއޭ އިން އާންމުކުރި އުސޫލުގައި މީހުން ދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި، ބޭރުގައި އެކުވެ އުޅޭއިރު ތިން ފޫޓުގެ ގައި ދުރުމިން ބަހައްޓަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް އެޗްޕީއޭ އިން މިއަދު އާންމުކުރި އުސޫލުގައި އެ ނިންމުން އުވާލައިފައެއް ނުވެ އެވެ.

ކުރިއަށް އޮތީ ސްކޫލްތަކުގެ ބަންދު ކަމަށްވާތީ ގިނަ ބަޔަކު އަންނަނީ އަތޮޅުތަކުގެ ރަށްރަށަށް ދަތުރު ނުކުރެވުމުގެ ޝަކުވާ އުފުލަމުންނެވެ. އެހެން ނަމަވެސް އެޗްޕީއޭއިން އަންނަނީ ރަށްރަށުގައި ކޮވިޑް ފެތުރުނަ ނުދިނުމަށްޓަކައި އަޅާފައިވާ ހަރުދަނާ ހުރިހާ ފިޔަވަޅުތަކެއް ދަމަހައްޓަމުންނެވެ.