ޕީސީއާރު ނެގެޓިވް ނަތީޖާއެއް ނެތި ދިވެހިންނަށް ރާއްޖެ ނާދެވޭ ގޮތް ހަދައި، ރާއްޖެ އައިސް މާލެ ސަރަހައްދަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، މިމަހުގެ 20 އިން ފެށިގެން ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި ދަތުރުކުރާ ފަރާތްތަކަށް ރާއްޖެ އާދެވޭނީ، އެމީހަކު ދަތުރުފަށާ ބަނދަރުން ފުރާއިރު، 96 ގަޑިއިރުނުވާ ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. އަދި އެއް އަހަރުން ދަށުގެ ކުޑަކުދިން އެކަމުން އިސްތިސްނާ ކޮށްފައިވާ ކަމަށް ބުންޏެވެ.

އެގޮތުން ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ރާއްޖޭން ބޭރުން އަންނަ ދިވެހިންނާއި ވޯކް ވިސާގައި މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) އަށް އަންނަ ފަރާތްތައް ކަރަންޓީނުވާން ނުޖެހޭނެ ކަމަށާއި ނަމަވެސް 10 ދުވަހުގެ މުއްދަތަށް ގޭގައި މާސްކު އަޅައިގެން އުޅުމާއި އެކަހެރިވެ ތިބުމަށް އެދޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ބަދަލާއެކު ރާއްޖޭން ބޭރަށް ދަތުރު ކުރުމަށްފަހު މާލެ ސަރަހައްދުގައި މިހާރު ކަރަންޓީނު ވެފައި ތިބި ފަރާތްތައް ޕީސީއާރު ޓެސްޓް ހެދުމަށްފަހު ނަތީޖާ ނެގެޓިވް ވެއްޖެނަމަ މިއަދުން ފެށިގެން ކަރަންޓީނުން ދޫކޮށްލެވޭނެ އެވެ. އަދި އެފަރާތްތަކުގެ ޓެސްޓް ހެދުމުގެ އިންތިޒާމު ހަމަޖައްސައި އެކަން އަންގަމުންދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެ އެޖެންސީން ބުނީ، ނެގެޓިވް ޕީސީއާރަކާއެކު ރާއްޖެ އައިސް މާލެ ސަރަހައްދުގައި ކަރަންޓީނު ނުވާ ގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް ރާއްޖޭން ބޭރުން އައިސް ރަށްރަށަށް ދަތުރުކުރާ މީހުންނާއި ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި މާލޭ ސަރަހައްދަށް އަންނަ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ދައުލަތުން މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން 10 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި އެ ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށް ބުންޏެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ގެނައި ލުއިތަކުގެ ތެރެއިން ކުރު މުއްދަތުގެ ދަތުރުތަކަށް މާލެއިން އަތޮޅު ތެރެއަށް ދާންޖެހޭ ފަރާތްތަކަށް ޕީސީއާރު ޓެސްޓް ހެދުމަށް ކަނޑައަޅާފައި އޮތް އޮތުން ވެސް ވަނީ ނިމުމަކަށް ގެނެސްފަ އެވެ. އެ ބަދަލާއެކު ކުރު މުއްދަތަށް އެކި ބޭނުންތަކަށް އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކުން، އެ ފަރާތްތަކުން އަމަލު ކުރުމަށް ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށް އަމަލު ކުރާނަމަ ކަނޑައެޅިފައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވެ އެވެ.