ހައި ކޯޓުގެ ރަޖިސްޓްރާގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ހުށަހަޅާ މައްސަލަތަކާމެދު، އެކޯޓުގެ އިސްފަނޑިޔާރު ނުހިމަނައި، ގޮތް ނިންމުމުގެ ބާރު ލިބިދޭގޮތަށް ގަވާއިދު އިސްލާހުކޮށް އަމަލު ކުރަން ފަށައިފިއެވެ.

ހައިކޯޓުން އެ ބަދަލު ގެނެސްފައިވަނީ، ހައިކޯޓުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ (ނ) އަށެވެ.

ގަވާއިދުގެ 17 ވަނަ މާއްދާއަކީ ރަޖިސްޓްރާގެ ނިންމުން މުރާޖައާ ކުރުމާބެހޭގޮތުން ކަންތައްތައް ކުރަންޖެހޭގޮތް ކަނޑައޅާފައިވާ މާއްދާއެވެ.

އެ މާއްދާގެ (ހ) ގައި ބުނެފައި ވަނީ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުންނާއި މި ގަވާއިދުން ބާރު ލިބިގެން ރަޖިސްޓްރާ އެއްވެސް ކަމަކާ މެދު ނުވަތަ ނިންމާ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭނަމަ އެކަމެއް، ނުވަތަ އެ ނިންމުމެއް، އަލުން ބަލައިދިނުމަށް އެދި ހައިކޯޓަށް ހުށަހެޅުމުގެ އިހުތިޔާރު، އެކަމާނުވަތަ އެ ނިންމުމަކާ ގުޅުން ހުރި ކޮންމެ ފަރާތަކަށް ލިބިގެންވާ ކަމަށެވެ.

މި މާއްދާގެ (ށ) ގައި ބުނެފައި ވަނީ، މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފަދަ ކަމެއް ދެވަނަ ފަހަރަށް ބަލައިދިނުމަށް އެދޭނަމަ، އެ ނިންމުމެއް ނިންމައި، އެކަން އެފަރާތަކަށް އެންގި ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ލިޔުމުން ހުށަހަޅަންވާނެކަމަށެވެ. އަދި އެ މުއްދަތުގައި ހުށަނާޅައިފިނަމަ އެކަމެއް ނުބެލޭނެ ކަމަށެވެ.

މި މާއްދާގެ (ނ)ގައި ކުރިން އޮތީ، މި މާއްދާގެ (ށ) ގައިވާ މުއްދަތުގައި، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާއި މެދު ގޮތެއް ކަނޑައަޅާނީ، ހައިކޯޓުގެ އިސް ފަނޑިޔާރު ހިމެނޭ ގޮތުން، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށެވެ.

އެހެންކަމުން އެ ފަދަ މައްސަލަތަކުގައި ގޮތް ނިންމުމަށް ބާއްވާ މަޖިލީހުގައި ހައިކޯޓުގެ އިސް ފަނޑިޔާރު ހިމެނެން ޖެހެއެވެ.

ނަމަވެސް މިހާރު އެ މާއްދާއަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ، މި މާއްދާގެ (ށ) ގައިވާ މުއްދަތުގައި، މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމާ މެދު ގޮތެއް ކަނޑައަޅާނީ، އޮނަހިރި އަދަދެއްގެ މައްޗަށް އެކުލެވޭ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ކަމަށެވެ.

އެހެންކަމުން މި ގެނައި އިސްލާހާ ގުޅިގެން ކޯޓުގެ އިސް ފަނޑިޔާރު ނުހިމެނޭ، ފަނޑިޔާރުންގެ މަޖިލީހުންވެސް އެފަދަ މައްސަލަތަކަށް ގޮތް ކަނޑައެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ހައިކޯޓުން މިއަދު ބުނީ ގަވާއިދަށް ގެނައި އެ އިސްލާހަށް މިމަހު 10 އިންފެށިގެން އަމަލު ކުރަމުން އަންނަ ކަމަށެވެ.