އެޕޯލޯ ހޯލްޑިންގްސްއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 1،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފިއެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު "ވަން" އަށް ވިދާޅުވީ އެޕޯލޯއިން ހުޅުމާލޭގައި ހަތަރު ކެޓަގަރީއެއްގެ ފްލެޓް އަޅާނެ ކަމަށާއި އޭގެ ތެރޭގައި ސަރުކާރުން އަލަށް ތައާރަފުކުރަން ނިންމާފައިވާ ކައުންސިލް ހައުސިން ވެސް ހިމެނޭ ކަމަށެވެ.
"އޭގެ ތެރޭގައި ހިމެނޭ ކައުންސިލް ހައުސިންއާއި އެފޯޑަބަލް ހައުސިންއާ މިޑް ރޭންޖުގެ ހައުސިންއާ މަތީ ފަންތީގެ ހައުސިން ޔުނިޓުތައް،" ސުހައިލް ވިދާޅުވިއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އެ ފްލެޓުތައް ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެޗްޑީސީން ލަފާ ކުރެއެވެ. އެ މަޝްރޫއަށް ފައިނޭންސް ކުރާނީވެސް އެޕޯލޯ ހޯލްޑިންގްސްއިންނެވެ.
އެޗްޑީސީން މިހާރު ވެސް އަންނަނީ އެކި ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ފްލެޓް އަޅަމުންނެވެ. މީގެ އިތުރުން އިތުރު ފްލެޓްތަކެއް އެޅުމަށް ދެތިން ކުންފުންޏަކާ ވާހަކަދައްކަމުން އަންނަ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓުތަކުގައި އަންނަ އަހަރުގެ މެދުތެރޭގައި މީހުން ދިރިއުޅެން ފަށާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ އިރު، މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން 3،000 ފްލެޓުގެ މަޝްރޫއުއެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު