ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
"ވަން"އަށް މައުލޫމާތުދެމުން ފުލުހުން ބުނީ، އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ނިހާން ފުރުން މަނާކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުރުން މަނާކުރި ދުވަހެއް ކިހާ ދުވަހަކަށް ކަމެއް ފުލުހުން ނުބުނެއެވެ.
އެމްއެމްޕީއާރުސީގެ 3.4 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ރައްޔިތުންގެ މަޖިލީހުގެ އޭރުގެ މެންބަރުންނާއި ބައެއް ސިޔާސީ ފަރާތްތަކަށް ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށްވެސް ހިޔާނާތުގެ ފައިސާ ވަދެފައިވާ ކަމަށް އަދީބު ތުހުމަތުކުރެއްވިއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާއިން ރޮލެކްސް ގަޑިއެއް ނިހާން ބައްލަވައިގަތް ކަމަށް ވެސް އަޑުފެތުރުނެވެ. ނިހާން ވެސް މީގެ ކުރިން ވަނީ އޭނާގެ އަތުގައި ރޮލެކްސް ގަޑިއެއް އެބައޮތް ކަމަށާއި އެ ގަޑި ގަންނަން ފައިސާ ހޯދިގޮތް ކިޔައިދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިއްޖެނަމަ ފައިސާ ހޯދި ގޮތް ކިޔައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް ނިހާން މީގެ ކުރިން ހާޒިރުކުރިއެވެ.
މިދިޔަ ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަން ކުރެއްވި ނިހާން ވަނީ ވެރިކަން ބަދަލުވެ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ޕީޕީއެމުން ވަކިވެ، ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން މިހާތަނަށް ދައުވާއެއްކޮށް ހުކުމްކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އަދީބުގެ އިތުރުން އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު