ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތިން މީހަކަށް ދައުވާ ކުރުމަށް ފުލުހުންގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް މައްސަލަ ފޮނުވާފައިވާއިރު އެ މައްސަލަ ސާބިތު ކުރެވޭނީ ކިހިނެއްތޯ، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސުވާލު އުފައްދަވައިފިއެވެ.
އެ މައްސަލައިގައި ދައުވާކުރަން ފުލުހުން ޕީޖީއަށް ފޮނުވާފައިވާކަމަށް އެ އޮފީހުން ބުނުމާ ގުޅިގެން، އެ މައްސަލަ ސާބިތު ވުމާމެދު ސުވާލު އުފައްްދަވައި ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެންމެން ގުޅިގެން ވިކްޓިމް ފުރުވާލާފައިވާ ކަމަށެވެ. އަދި މި މައްސަލަ ބެލޭނެ ދުވަހެއް އަންނާނެ ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދަށާއި ކޮމީޓީއަށްވެސް ހައިލަމް ވަނީ ފާޑު ވިދާޅުވެފައެވެ.
ހައިލަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ކޯމާއަކަށް ދިޔައީތޯ، ސުވާލު ކުރައްވައިފައެވެ. އަދި އެ ކޮމިޓީގެ މުގައްރިރު އެއްޗެއް ވިދާޅުވުން އެދޭ ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.
ސަފާރީ ކޭސްގައި، އެ ކޮމިޓީގެ މުގައްރިރު ޖީހާންގެ ފިރިކަލުންގެ މައްޗަށް ވަނީ ތުހުމަތުތަކެއް ކޮށްފައެވެ.
"ދައުވާ ކުރަން ފޮނުވިޔަސް ސާބިތުކުރެވޭނީ ކިހިނެއް؟ އެންމެން ގުޅިގެން ވިކްޓިމްވަނީ ފުރުވާލާފައި. ސަފާ ފުރުވާލި މައްސަލަ 4 އަހަރު ފަހުން ބެލޭހެން މިމައްސަލަ ބެލޭނެ ދުވަހެއްވެސް އަންނާނެ. މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ ކޯމާއަކަށް ދިޔައީތޯ؟ މުގައްރިރު އެއްޗެއް ވިދާޅުވުން އެދެން!" ހައިލަމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އަހުމަދް ހައިލަމް
އަހުމަދް ހައިލަމް
އަހުމަދް ހައިލަމް