ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަށް ކުރީގެ ގާޒީ ހަސަން ނަޖީބު އެދުނު ކަމަށް ރައީސް ޔާމީންގެ މައްސަލަ ކުރިން ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް އެހެން ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ މައްސަލަ ހައިލަމް ބެއްލެވި އިރު ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު އޭނާއަށް ނުފޫޒު ފޯރުވައިގެން މައްސަލަ ވަކި ގޮތަކަށް ގެންގޮސްފައިވާ ކަމަށް އޭރު ކުރިމިނަލް ކޯޓުގައި ގާޒީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހަސަން ނަޖީބު ވިދާޅުވުމުންނެވެ.

ސިޔާސީ ފަރާތްތަކުން ފަނޑިޔާރުގެތަކަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް ބައެއް ވަކީލުންނާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޖީބު ވިދާޅުވީ، ހައިލަމަށް ސުޕްރީމް ކޯޓުން ޖާގަ ކަށަވަރުވެފައިވާ ކަމަށް އަލީ ޒާހިރު ވިދާޅުވި ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވައި ހައިލަމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން ނަޖީބު ދެއްކެވި ވާހަކަތައް ކުށްވެރިކުރާ ކަމަށެވެ.

"ނަޖީބަކީ ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް،" ހައިލަމް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ އެންމެ ފުރަތަމަ ބެއްލެވީ ހައިލަމެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ، ޖޭއެސްސީން އޭނާގެ މައްޗަށް ހިންގި ތަހުގީގަށް އިންތިހާއަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެއެވެ. އޭރު ރައީސް ޔާމީންގެ މައްސަލައިގައި އޮތީ ހުކުމް ކުރުމާ ހަމައިގައެވެ.