ޚަބަރު

ޗެޓްލޮގުތަކަކީ އަސްލެއްނަމަ ޝަމީމް އިސްތިއުފާ ދޭން ޖެހޭ: ހައިލަމް

އަލީ ޔާމިން

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ޗެޓްލޮގުތަކެއް ކަމަށް ބުނެ، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އާންމުކުރެއްވި ޗެޓްލޮގްތަކަކީ އަސްލެއް ނަމަ ޝަމީމް މަގާމުން އިސްތިއުފާދެއްވަން ޖެހޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިނިސްޓަރު މަހްލޫފްގެ މައްޗަށް މިއަދު ދައުވާ އުފުލުމުން، މަހުލޫފު ވަނީ އޭނާގެ މައްޗަށް ދައުވާ އުފުލީ ޕީޖީ ޝަމީމް ޒާތީ ވެގެން ކަމަށް ވިދާޅުވެ، ޔޫތު މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި އަހުމަދު އަޒުމޫނާއި ޕީޖީ ޝަމީމް ދައްކަވާފައިވާ ވާހަކަތަކެއްގެ ޗެޓް ލޮގެއް އާންމުކުރައްވައިފައެވެ.

އެ ޗެޓް ލޮގްގައި މަހުލޫފްގެ މައްސަލައަށް 110 ދުވަސް ވެގެން ދިޔައިރު އެ މައްސަލައިގައި ގޮތް ނިންމަނީ ކޮން އިރަކުންތޯ އަޒުމޫން ސުވާލު ކުރުމުން 900 ދުވަސްވިޔަސް ހެޔޮ ކަމަށް ޝަމީމް ވިދާޅުވެއެވެ. އަދި "ބޭކާރު ގޮތުގައި ފުއްޕީމަ ވާ ގޮތް މިއީ" ކަމަށް ވިދާޅުވެ މަހުލޫފާ މެދު ފުލުހުންގެ ސިމްޕަތީވެސް މިހާރު ނެތް ކަމަށް ޝަމީމް ވިދާޅުވެއެވެ.

އެކަމާ ގުޅިގެން ހައިލަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުވާ ލިބޭ ފަރާތާ މެދު ރުޅިވެރިކަން އޮވެގެން ކުރާ ދައުވާއަކީ ބާތިލު ދައުވާއެއް ކަމަށެވެ.

އެ ޗެޓްލޮގްތައް އާންމުކުރައްވައި މަހުލޫފު ވިދާޅުވީީ، އިސްތިއުފާ ނުދެއްވާނެ ކަމަށާއި ކޯޓުގައި ހަގީގަތް ހާމަވާނެ ކަމަށެވެ.

އެ ޗެޓްލޮގުތަކާ ގުޅޭގޮތުން "ވަން" އިން ޝަމީމަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ‎މޯލްޑިވްސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ފުލުހުންނާއި ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަނުން ހިންގި ތަހުގީގުގައި އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން، މަހްލޫފަށް ފައިސާދީފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ދައުވާ ކުރުމަށް މިއަދު ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން މަހުލޫފްގެ މައްޗަށް އުފުލީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ މަހުލޫފްގެ މައްޗަށް ދައުވާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިރު، 27 އޮގަސްޓު 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، އެސްއޯއެފްގެ އެކައުންޓުން މަހްލޫފްގެ އެކައުންޓަށް 33000 ޑޮލަރު، 01 ސެޕްޓެންބަރު 2014 ދުވަހު ޖަމާކޮށް، ރިޝްވަތު ހިފާފައިވާތީ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިއަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އޭސީސީން ބުނި ގޮތުގައި އެސްއީޒެޑް ބިލް ފާސްކުރުމަށް ވޯޓު ދިނުމުގެ ގޮތުން މެލޭޝިޔާގައި ހުރުމަށްފަހު އޮގަސްޓް 27، 2014 ގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށެވެ.

ނަމަވެސް މަހުލޫފު މައްސަލައިގެ ވެސް ބައެއް ކަންކަން ރަނގަޅުކުރަން ޕީޖީ އޮފީހުން އޭސީސީއަށް އެންގިއެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ނުވަވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހުލޫފު މަގާމުން ސަސްޕެންޑުކުރެއްވިއެވެ.

ނަމަވެސް ހަތަރު މަސްދުވަހަށްފަހު މިދިޔަ އޮކްޓޫބަރު މަހުގެ ދިހަވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ ނިމުމަކަށް ގެނެސްފައެވެ.